އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ހުޅުމާލޭގައި ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތްތަކުގެ ތަފްސީލް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އާންމުކޮށްފައެވެ.
މިއަދު އެޗްޑީސީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، އީދުގެ ހަރަކާތްތައް ފެށޭނީ މިރޭ އީދު ހުޅު ރޯކުރުމުންނެވެ. އީދުގެ ރަސްމީ ހަރަކާތްތަކުގެ ގޮތުގައި ވެދުމާ ދިޔުމުގެ އިތުރުން ބޮޑުބެރު ޝޯއެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ބުރާސްފަތި ދުވަހު ހަވީރު 8:30 ގައި ރުއްގަނޑު 1 ގައި އަދި ރޭގަނޑު 9:00 ގައި ފޭސް 2 ގެ ޗެނަލް ބީޗުގައި ވެދުމާ ދިޔުމާއި އީދު ހުޅު އަދި ބޮޑުބެރު ޝޯ ބޭއްވޭނެއެވެ. ހުކުރު ދުވަހު އީދު ނަމާދަށް ފަހު ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި އުޟްހިޔާ ކަތިލުމާއި އީދު ބޮނޑިބަތް ބާއްވަން ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ހަވީރު 4:00 އިން 5:30 އަށް ރުއްގަނޑު 1 ސަރަހައްދުގައި ވޯޓާ ސްޕޯޓްސް އިވެންޓް ބޭއްވުމަށް ވެސް ރާވާފައިވެއެވެ.
ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު ސެންޓްރަލް ޕާކް އަދި ހިޔާ ޕާކް ސަރަހައްދުގައި އީދު ހަވީރު ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. އެޗްޑީސީން ބުނި ގޮތުގައި، މި ހަރަކާތްތަކުގައި ބައިވެރިވެ އެންމެން އެކީ އެއްތަނަކުން ދިމާވެ، އެއްބައިވަންތަކަން އާލާވެގެންދާނެ އީދަކަށް މި އީދު ވާނެ ކަމަށް އުންމީދުކުރެއެވެ.
ސަލާމަތީ ބާރުތަކާއި، ސަރުކާރުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން މި އަހަރު ވެސް "އީދު ހަވީރު" ކުރިއަށް ގެންދާނެއެވެ. މި ހަރަކާތްތައް ހުކުރު ދުވަހުން ފެށިގެން ތިން ދުވަހަށް މާލޭގެ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކް އަދި ހިޔާ ޕާކް ސަރަހައްދުގައި ބާއްވާނެއެވެ. ހަވީރުގެ ހަރަކާތްތައް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:30 އިން ފެށިގެން ކުރިއަށް ގެންދާނެ ކަމަށާއި، ރޭގަނޑު ބައެއް ސްޓޯލްތައް ހުޅުވާފައި ބަހައްޓާނެ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ