ލ. ގަމުގެ ސަރަހައްދުގައި މަސްވެރިކަމަށް ދިޔަ 65 އަހަރުގެ ފިރިހެނަކު މިއަދު ފެނުނީ މަރުވެފައި ކަމަށް ލިބުނު މައުލޫމާތުން ހާމަވެ އެވެ.
ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ހެނދުނު 9:00 ގައި ގެއްލުނީ ގަމަށް ނިސްބަތްވާ އަބްދުއްސަމަދު މުހައްމަދު ކަމަށެވެ. އޭނާއާއެކު 4-5 މީހުންގެ ގްރޫޕެއް މަސްވެރިކަމަށް ދިޔަ ކަމަށާއި، އަބްދުއްސަމަދު ފެނުނީ 10:00 އާއި 11:00 އާ ދެމެދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށުގެ ފަރާތުންނާއި ފުލުހުންގެ ފަރާތުން ކުރި ހޯދުމުގެ މަސައްކަތުން އޭނާ ފެނުނީ މަރުވެފައި ކަމަށް ކައުންސިލުގެ ރައީސް ހާމަކުރެއްވި އެވެ. މި ހާދިސާ ހިނގީ ލ. މަހަކަންފުށި ކައިރީގައި މޫދަށް ފައިބާ އުޅެނިކޮށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ލިބިފައިވާ މައުލޫމާތުގައި ވާގޮތުން އަބްދުއްސަމަދުއަކީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކޮށް، މީގެ ތިން މަހެއްހާ ދުވަސް ކުރިން ވަޒީފާއިން ރިޓަޔާކުރި މީހެކެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ފަރާތުން ރަސްމީކޮށް ބުނެފައިވަނީ އަބްދުއްސަމަދު ގެއްލުނުކަމުގެ ރިޕޯޓު ލިބި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އޭނާ މަރުވިކަން ފުލުހުން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ