ރަށްރަށުގައި ބައިސްކަލު ތައާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރަށްރަށުގައި ބައިސްކަލު ތައާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

Author
ހުސައިން
03 ޖޫން 2025 04:20
0

ދިވެހިރާއްޖޭގެ ރަށްތަކުގައި ބައިސްކަލު ތައާރަފްކޮށް، ރަށްރަށް ތިމާވެއްޓާ ރަހުމަތްތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ ދުނިޔޭގެ ބައިސްކަލު ދުވަސް ފާހަގަކުރުމުގެ ގޮތުން ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ބައިސްކަލު ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ބައިސްކަލު ބޭނުންކުރުމުން ދިރިއުޅުމަށާއި ތިމާވެއްޓަށް ކުރާ ހެޔޮ އަސަރުތައް އުފާކުރުމެވެ. ބައިސްކަލަކީ ޚަރަދު ކުޑަ، ދެމެހެއްޓެނިވި، އަދި ތިމާވެއްޓާ ރަހުމަތްތެރި ދަތުރުފަތުރުގެ ވަސީލަތެއް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"ސައިކްލިން ފޯރ އަ ސަސްޓެއިނަބަލް ފިއުޗަރ" މިއީ މިއަހަރުގެ ދުނިޔޭގެ ބައިސްކަލު ދުވަހުގެ ޝިއާރެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އިންޖީނުލީ އުޅަނދުތަކުގެ ސަބަބުން ރަށްރަށުގައި ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކާއި ތިމާވެއްޓަށް ކުރާ އަސަރުތަކަށް ރިޢާޔަތްކޮށް، ދަތުރުފަތުރުގެ ނިޒާމު އަލުން ބައްޓަންކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ރަށްތައް ފެހި، ސާފުތާހިރު، އަދި ތިމާވެއްޓާ ރަހުމަތްތެރި ތަންތަނަށް ހެދުމަށްޓަކައި ސަރުކާރުން ބައިސްކަލު ތައާރަފްކުރުމުގެ ޕްރޮގްރާމެއް ހިންގަވާނެއެވެ. މި މަސައްކަތަކީ ސަރުކާރުގެ ތިމާވެށި ރައްކާތެރިކުރުމުގެ އެޖެންޑާގެ ދަށުން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެއް ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ބައިސްކަލު ބޭނުންކުރުމަކީ މިހާރު ވަރަށް އާންމުވެފައިވާ ކަމެކެވެ. މިއީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ސިއްޙީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދޭ އެންމެ ފައިދާހުރި ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.