އަންހެން ހެދުން އަޅަގައިގެން ވަދެ ވަގަށް ނެގި 67,500 ރުފިޔާގެ އަގުބޮޑު ގަޑި 10،000 އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި

އަންހެން ހެދުން އަޅަގައިގެން ވަދެ ވަގަށް ނެގި 67,500 ރުފިޔާގެ އަގުބޮޑު ގަޑި 10،000 އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި

Author
ހުސައިން
02 ޖޫން 2025 09:27
0

އަންހެން ހެދުމުގައި މޫނުބުރުގާ އަޅައިގެން މާލޭގެ ފިހާރައަކަށް ވަދެ 67,500 ރުފިޔާގެ އޮމެގާ ބްރޭންޑްގެ ގަޑިއެއް ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ، އަބުލަޣީގޭ، މުހައްމަދު ސިމާދު، އުމުރުން 47 އަހަރުގެ މީހެކެވެ.

ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން މި ވައްކަމަކީ ތިން މީހަކު ގުޅިގެން ރާވައިގެން ކޮށްފައިވާ ކަމެކެވެ. ފިހާރައިގެ ސީސީޓީވީ ކެމެރާތަކުން ރެކޯޑުވެފައިވާ ފުޓޭޖުތަކުން ދައްކާ ގޮތުގައި، ކުރިން ރާވައިގެން ތިން މީހުން ޕްލޭންކުރި ގޮތަށް ސިމާދު އަންހެން ހެދުމާއި މޫނުބުރުގާ އަޅައިގެން ފިހާރައަށް ވަދެ އަގުބޮޑު ގަޑި ނަގައިފައިވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ވަގަށް ނެގި ގަޑި ވަނީ މިހާރު ހޯދައި ރިކަވަރ ކޮށްފައެވެ. ނަމަވެސް ގަޑި ހޯދިއިރު އޮތީ ސިމާދު އެ ގަޑި ހަމައެކަނި 10,000 ރުފިޔާ އަށް ވިއްކާލާފައެވެ. މިއީ ގަޑީގެ އަސްލު އަގުގެ ތިންބައިކުޅަ އެއްބައި އަގެވެ.

ސިމާދު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި ސިމާދު މިހާރުވެސް ހުރީ ބަންދުގައި ކަމަށާއި މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދާ ކަމަށެވެ.

ފުލުހުންގެ ރިކޯޑުތަކުން ދައްކާ ގޮތުގައި ސިމާދުއަކީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ފަހަރަށް ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހެކެވެ. އޭނާގެ ކުށުގެ ރިކޯޑުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުންކުރުން، އޮޅުވާލައިގެން ލިބޭ ވަގު ނޫޓު ގެންގުޅުން، ސައިކަލު ވަގަށް ނެގުން، ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ގެއްލުން ދިނުން އަދި ފިހާރަތަކުން އެކި ތަކެތި ވަގަށް ނެގުން ފަދަ ގިނަ ކުށްތައް ހިމެނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގައި ވައްކަމުގެ މައްސަލަތައް ކަންބޮޑުވާ ވަރަށް އިތުރުވަމުންދާ ދުވަސްވަރެއްގައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ވައްކަމުގެ މައްސަލަތައް ކޮންމެ މަހަކު ދަނީ އިތުރުވަމުންނެވެ. މިގޮތުން ފާއިތުވި މަހު އެކަނިވެސް 310 ވައްކަމުގެ މައްސަލަ ފުލުހަށް ހުށަހެޅިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.