ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް

Author
ހުސައިން
02 ޖޫން 2025 01:34
0

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި އެ ދެ ބޭފުޅުންނަށް ރުހުން ހޯއްދެވުމުގެ މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވެއެވެ. މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައިވާ ގޮތުގެ މަތިންނެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަޤާމެއް ހުސްވެފައިވަނީ ސުލޫކީ މައްސަލައެއްގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. މިދިޔަ މަހުގެ 14ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް 68 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައިވަނީ ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމުތަކަށް ޝައުގުވެރިކަން ފާޅުކުރި 12 ބޭފުޅުންގެ ތެރެއިން މުހައްމަދު ސަލީމާއި އަބްދުﷲ ހަމީދުގެ ނަންފުޅު މަޖިލީހަށް ފޮނުއްވުމަށެވެ.

މުހައްމަދު ސަލީމް ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމުގައި 12 އަހަރު ދުވަހުގެ މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. އަބްދުﷲ ހަމީދު އަކީ 2007 ޑިސެމްބަރު 09 ވަނަ ދުވަހުން ފެށިގެން 2022 ޖޫން 6 ވަނަ ދުވަހާއި ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.