އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުރުގައި ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު، ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ 26 ޖުލައިއާ ގުޅިގެން ކުރެއްވުމަށް އިންޑިއާ ސަރުކާރުން ވިސްނަވަމުން ގެންދަވާ ކަމަށް ޓައިމްސް އޮފް އިންޑިއާ ނޫހުން މިއަދު ރިޕޯޓުކޮށްފިއެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، ރާއްޖެއާއި އިންޑިއާއާ ދެމެދު އެކުލަވާލެވިފައިވާ ހައި ލެވެލް ކޯގްރޫޕުގެ ބައްދަލުވުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިދިޔަ ހަފުތާގައި ދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި، ރައީސް މުއިއްޒު މިދިޔަ އަހަރު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މޯދީއަށް ދެއްވި ދައުވަތު އާކުރައްވާފައިވެއެވެ. އިންޑިއާ ސަރުކާރުން މި ދައުވަތު ބަލައިގަނެ، ޖުލައި މަހު މޯދީގެ ދަތުރުފުޅު ރާއްޖެއަށް ކުރެއްވުމާ މެދު މަޝްވަރާކުރަމުން ގެންދާކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ޓައިމްސް އޮފް އިންޑިއާއިން ފާހަގަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ޕްރޮގްރާމްތަކާއި އެޖެންޑާ އެކުލަވާލަމުން ދާއިރު، ރާއްޖޭގެ މައި އެއާޕޯޓު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރަމުން އަންނަ އާ ޓާމިނަލް ހުޅުވަން ހަމަޖެހިފައިވާ 26 ޖުލައިއަކީ މޯދީގެ ދަތުރުފުޅަށް ރާވާފައިވާ ތާރީޚުތަކުގެ ތެރެއިން އެންމެ އިސްކަންދޭ ތާރީޚެކެވެ. އެހެންނަމަވެސް، މި ދަތުރުފުޅާ ގުޅޭ އިތުރު ތަފުސީލުތައް އެ ނޫހަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ރަސްމީކޮށް މިކަން ކަށަވަރުކޮށްދީފައި ވެސް ނުވެއެވެ.
އިންޑިއާއާ ގާތް ގުޅުމެއް ދެމެހެއްޓި އެމްޑީޕީގެ ކުރީގެ ސަރުކާރުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ސަރުކާރުގެ ދައުރުގައި ވެސް މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވެއެވެ.
މިހާރުގެ ރައީސް އިދިކޮޅުގައި ހުންނެވިއިރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ 'އިންޑިއާ އައުޓް' ކެމްޕެއިންގެ ސަބަބުން ރައީސް މުއިއްޒު ވެރިކަަމަށް ވަޑައިގެންނެވުމާއެކު ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. އެހެންނަމަވެސް، މިހާރު ދިވެހި ސަރުކާރުން އަންނަނީ އެ ގުޅުން އަލުން ވަރުގަދަކުރުމަށް މަސައްކަތްކުރަމުންނެވެ.
ފޮރިން މިނިސްޓަރު ހަލީލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، ދެ ޤައުމުގެ ގުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ދިވެހި ސަރުކާރުން ނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި 'އިންޑިއާ އައުޓް' ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަރަކާތެއް ކަމަށާއި، އެކަމުގައި މިހާރުގެ ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަމަށް އިންޑިއާގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ. މި ވާހަކަތަކަށް ފަހުން ރައީސް ޔާމީން ރައްދު ދެއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ