މާލެ ސަރަހައްދުގައި ދިމާވި ކަރަންޓު މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ ކަރަންޓު މައްސަލަ އެއްކޮށް ހައްލުވަންދެން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އެކްސް (ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ގްރޭޓަރ މާލެ ސަރަހައްދުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށައިފަ" ކަމަށެވެ. ނަމަވެސް މި މަސައްކަތްތަކާ ގުޅޭ ތަފްސީލު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިއަދު ހަވީރު 6:30 ގެ ކުރިން މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުން ހަވީރު 6:13 ގައި މުޅި މާލެއަށް ކަރަންޓު ދީފައިވާއިރު، ހުޅުމާލޭގެ ރުއްގަނޑު އެކެއް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރެއް ފިޔަވައި އެހެން ހުރިހާ ޓްރާންސްފޯމަރެއް ޖައްސާފައިވެއެވެ.
ކަރަންޓު ނުލިބޭ ސަރަހައްދުތައް ހުރިނަމަ ސްޓެލްކޯގެ އެމާޖެންސީ ނަންބަރު 104 އަށް ގުޅައި މައުލޫމާތު ދިނުމަށް އެ ކުންފުނިން އެދިފައިވެއެވެ.
މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަޙުޤީޤު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވާފައިވެއެވެ. މި އެންގެވުމާ އެއްގޮތަށް ފުލުހުން މި މައްސަލައިގެ ތަޙުޤީޤު ފަށައިފައިވާއިރު، ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޚާއްސަ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ