މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށް ޑިމޮކްރެޓްސް ގޮވާލައިފި

މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށް ޑިމޮކްރެޓްސް ގޮވާލައިފި

Author
ހުސައިން
01 ޖޫން 2025 09:37
0

މާލެ، ހުޅުމާލެ އަދި ހުޅުލެއިން ދާދި ފަހުން ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން، މި މައްސަލަ ރަނގަޅަށް ތަހުގީގުކުރުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ގޮވާލާފައެވެ.

ޑިމޮކްރެޓްސް ޕާޓީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ، މާލެއަކީ ދިވެހިރާއްޖޭގެ ޖުމްލަ އާބާދީގެ 40 ޕަސަންޓު މީހުން ދިރިއުޅޭ ސަރަހައްދަކަށްވާއިރު، މިހާރު އާންމު ދިރިއުޅުމުގެ ހުރިހާ ކަމަކަށް ކަރަންޓު ބޭނުންވާ ޒަމާނެއްގައި، އެއްވެސް އެންގުމެއް ނެތި އެއްފަހަރާ މުޅި ސަރަހައްދުން ކަރަންޓު ކެނޑުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދޭ ކަމެއްކަމަށެވެ.

އެ ޕާޓީން ބުނީ، ކަރަންޓު ކެނޑުމުގެ ސަބަބުން ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ސަރުކާރު އޮފީސްތަކުގެ އިތުރުން ވިޔަފާރިތައްވެސް ހުއްޓިގެން ދިޔައިކަމަށާއި، މިއީ ވަރަށް ނުރައްކާތެރި ކަމެއްކަމަށެވެ. އަދި މި ކަމުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުން އެތައް މިލިޔަން ރުފިޔާއެއްގެ ގެއްލުން އާންމު ރައްޔިތުންނާއި ދައުލަތަށް ލިބިގެންދާނެކަމަށް ވެސް އެ ޕާޓީން ފާހަގަކުރެއެވެ. މިފަދަ ކަމަކީ މި ޒަމާނުގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޑިމޮކްރެޓްސް ޕާޓީން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް އަންގަވާފައިވާތީ، މި ތަހުގީގު ހަގީގީ މާނާގައި ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދިޔުމަށް ޑިމޮކްރެޓްސް ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ޑިމޮކްރެޓްސް ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ "މި ތަހުގީގު ހަގީގީ މާނާގައި ފުރިހަމަގޮތުގައި ކުރައްވައި، ބޮނޑުނަގުލަށް ނުވެ ކޮޅަކު ޖެހޭނޭ ގޮތަށް ކުރައްވާނޭކަމަށް އުއްމީދު ކުރަމެވެ" އެވެ.

އެ ޕާޓީން ވަނީ މިކަހަލަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އެޅުމަށާއި، މި ކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްވެސް ގޮވާލާފައެވެ. އަދި ރަށްވެހިކަމުގެ އަސާސީ ޚިދުމަތްތައް ޒިންމާދާރުކަމާއި ފަރުވާތެރިކަމާއެކު ބެލެހެއްޓުމަށް ފުލުހުންނާއި، ޔުޓިލިޓީ ކުންފުނިތަކާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، ސަރުކާރާއި، އެހެނިހެން ކަމާގުޅޭ ފަރާތްތަކަށް ޑިމޮކްރެޓްސް ޕާޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.