އަންހެނެއްގެ ނަމުގައި ޕޯސްޓު މެދުވެރިކޮށް ޑްރަގު އެތެރެކުރި މީހަކު އުމުރަށް ޖަލަށް

އަންހެނެއްގެ ނަމުގައި ޕޯސްޓު މެދުވެރިކޮށް ޑްރަގު އެތެރެކުރި މީހަކު އުމުރަށް ޖަލަށް

Author
ހުސައިން
01 ޖޫން 2025 06:35
0

އަންހެނެއްގެ ނަމުގައި ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ޑްރަގު އެތެރެކުރި މައްސަލާގައި ދުގެތިމާގެ/ސ. ހިތަދޫ، އަލީ އަކްބަރު ހަސަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކޮށް، އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާގެ ޖޫރިމަނާއެއް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފި އެވެ.

މި މައްސަލާގައި އަލީ އަކްބަރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކޮށްފައިވަނީ ތިން ދައުވާއެކެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށާއި، މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރުމުގެ ކުށާއި، ޝަހްސު އޮޅުވާލުމުގެ ކުށެވެ. މީގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ދައުވާ ފިޔަވައި އެހެން ދައުވާތަކަށް އޭނާ އިންކާރުކޮށްފައިވެ އެވެ. ނަމަވެސް 2022 ވަނަ އަހަރުގެ މާޗު 3 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ މައްޗަށް ބާކީ އޮތް ދެ ދައުވާ ސާބިތުނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ދައުލަތުން ހައި ކޯޓަށް ހުށަހަޅި މައްސަލާގައި، ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލާގައި އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށާއި، މި ފައިސާ ދެއްކުމަށް އަހަރެއްގެ މުއްދަތު ދިނުމަށް ހައި ކޯޓުން ނިންމި އެވެ. އަދި ޝަހްސު އޮޅުވާލުމުގެ ކުށުގައި 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ވެސް ހުކުމްކޮށްފި އެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، 2021 ވަނަ އަހަރުގެ މާޗު 4 ވަނަ ދުވަހު ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ޑީއެޗްއެލްގެ ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް އައި ޕާރުސަލެއްގައި މަސްތުވާތަކެތި ފޮރުވާފައިވާ ކަން ފާހަގަކުރެވުނެވެ. ކަސްޓަމްސްއިން އެ ޕާރުސަލް އެކްސްރޭ ނެގުމުން އެނގުނީ އޭގައި އޮތީ ބައޮލޮޖިކަލް ސައިންސް ފޮތެއް ކަމަށާއި، އެ ފޮތުގެ ސަފްހާތަކުގެ އެތެރެއިން ލޯވަޅެއް އަޅައި އެއްޗެއް ފޮރުވާފައިވާ ކަމަށެވެ.

މި ޕާރުސަލު ލިބެންވީ ފަރާތެއްގެ ގޮތުގައި ލިޔެފައި އޮތީ ހަލީމަތު އުލްފާ، ހ. ޒިފްރޯލް ކަމަށް ވީނަމަވެސް، ޑީއެންއާރުގައި މި ނަން ކިޔާ ފަރާތާ ސުވާލުކުރުމުން އޭނާ ބުނީ ޑީއެޗްއެލް މެދުވެރިކޮށް އެއްވެސް އެއްޗެއް ގެނެސްދޭން އެދިފައި ނުވާ ކަމަށާއި، ޕާރުސަލްގައި ޖަހާފައިވާ ފޯނު ނަންބަރާއި އެޑްރެސް އަކީ އޭނާގެ މައުލޫމާތު ނޫން ކަމަށެވެ.

ފުލުހުންގެ އިރުޝާދުގެ ދަށުން އެ ޕާރުސަލް ކަސްޓަމްސްގެ ލޮކަރަށް ލުމަށްފަހު، މާޗު 9 ވަނަ ދުވަހު ޑީއެޗްއެލްގެ އޮފީހުގައި ފުލުހުން މަޑުކޮށްފައި ތިބި އެވެ. މެންދުރު 1:18 ހާއިރު އެ ޕާރުސަލާ ހަވާލުވުމަށް މީހަކު އައިސް ހުރި ނަމަވެސް، ޑީއެޗްއެލްގެ ޔުނީފޯމް އަޅައިގެން ފުލުހުން ކައުންޓަރަށް ގޮސް ޕާރުސަލްގައި ޖަހާފައި އޮތް ނަމަށް ގޮވުމުން އެއްވެސް ފަރާތަކުން ހަވާލުވާކަށް ނުދެ އެވެ.

ދެން ފުލުހުން ޑީއެޗްއެލް މުވައްޒަފުންގެ ޔުނީފޯމުގައި އެ ތަނުގެ ވެހިކަލެއްގައި ޕާރުސަލްގައި ޖަހާފައިވާ ގެ ކައިރިއަށް ދިޔަ އެވެ. އެ ގެއިން ނިކުތީ އަލީ އަކްބަރެވެ. އޭނާ ބުނީ ހަލީމަތު އުލްފާގެ ނަމުގައި އޮތް ޕާރުސަލާ ހަވާލުވާން އައި ކަމަށާއި، ކުޑައިރުކޮޅެއް ކުރިން މި ޕާރުސަލް ބަލައި ޑީއެޗްއެލް އޮފީހަށް ދިޔަ ކަމަށެވެ.

އައިޑީ ކާޑު ދައްކައި ޕާރުސަލާ ހަވާލުވުމުން ފުލުހުން އޭނާ ހުއްޓުވި އެވެ. އެ ވަގުތު އަލީ އަކްބަރު ޕާރުސަލް ފިހާރައެއްގެ ބޭރު ގާގަޑުމަތީގައި ބޭއްވުމަށްފަހު، އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނެ ހަވާލުވާން އިންކާރުކުރި އެވެ. އޭނާގެ ހާޒިރުގައި ޕާރުސަލް ކަނޑައި ބެލިބެލުމުން ފޮތުގެ އެތެރޭގައި ބަންދުކޮށް ފޮރުވާފައިވާ މަސްތުވާތަކެތި ފެނުނެވެ.

އޭނާ ހައްޔަރުކޮށް ސުވާލުކުރުމުން ހަނުހުރި ނަމަވެސް، އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލުކުރުމުން މަސްތުވާއެއްޗަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމުން އެ މައްސަލާގައި ދައުވާކުރި އެވެ.

ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ، އެ މަސްތުވާތަކެއްޗާ އަލީ އަކްބަރާ ގުޅުމެއް ނެތް ނަމަ، ޑީއެޗްއެލްގެ ވެހިކަލް އެ ގޭދޮށަށް މަޑުކުރުމުން "މިއައީ ހަލީމަތު އުލްފާގެ ނަމުގައި އޮތް ޕާރުސަލް ބަލައޭ" އިސްވެ ބުނަން އޭނާއަށް އެނގެންޖެހޭ ބުއްދީގެ ހަމައެއް ނެތް ކަމަށެވެ. އަދި އެހެން މީހަކު ބުނެގެން ހަވާލުވާން އައި އެއްޗެއް ނަމަ އެ މީހެއްގެ މައުލޫމާތު ދޭންޖެހޭނެ ކަމަށާއި، އެ މައުލޫމާތު ނުދެވޭ ނަމަ އެ ޕާރުސަލުގެ ޒިންމާ އުފުލަންޖެހޭނީ އަލީ އަކްބަރު ކަމަށް ހައި ކޯޓުން ނިންމި އެވެ.

އަލީ އަކްބަރަކީ ބަންދުގައި ހުރި މީހެއް ކަމުގައި ނުވާތީ، އޭނާ ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެން ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.