ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަދީނާގައި ހުންނަވާ މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ދިން މަޢުލޫމާތުގައި ވަނީ، ރައީސް މުއިއްޒު ކީރިތި ރަސޫލާގެ މިސްކިތްކޮޅަށް ޒިޔާރަތް ކުރައްވައި، އެތާނގައި ނަމާދު ކުރައްވާފައިވާ ކަމަށެވެ. މި ޒިޔާރަތުގައި ރައީސާއެކު ސައުދީއަށް ވަޑައިގެންނެވި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ އިއްޔެއެވެ. މި ޚާއްޞަ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލްގެ ދެކަނބަލުން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ ދެކަނބަލުން، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުންނާއި ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރައްވަން ވަޑައިގެންނެވިއިރު، ރާއްޖެއަށް މިއަހަރު ލިބިފައިވާ 1،000 ހައްޖު ކޯޓާގައި ހިމެނޭ ހުރިހާ ހައްޖުވެރިން މިހާރު މައްކާ މުކައްރަމާގައި ތިއްބެވިކަމަށް ހައްޖު މިޝަނުން މަޢުލޫމާތު ދީފައިވެއެވެ. އަދި ރާއްޖޭގެ ހައްޖުވެރިންގެ ޞިއްޙީ ހާލަތު ރަނގަޅުކަމަށް ވެސް ހައްޖު މިޝަނުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ