ފުލުހުންގެ ޝަރަފާއި ކަރާމާތް ރައްކާތެރިކުރުމަށް ޑެޕިއުޓީ ކޮމިޝަނަރ ނަވީން ގޮވާލައްވައިފި

ފުލުހުންގެ ޝަރަފާއި ކަރާމާތް ރައްކާތެރިކުރުމަށް ޑެޕިއުޓީ ކޮމިޝަނަރ ނަވީން ގޮވާލައްވައިފި

Author
ހުސައިން
30 މެއި 2025 11:08
0

ފުލުހުންގެ 19 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއާއި ފުލުހުންގެ މުއައްސަސާގެ އިތުރުން އާއިލާތަކުގެ ޝަރަފާއި ކަރާމާތަށް އުނިކަން ލިބޭފަދަ އެއްވެސް އަމަލެއް ފުލުހުންގެ ފަރާތުން ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ޔުނިފޯމް ލައިގެން ޚިދުމަތުގެ މައިދާނަށް ނުކުންނަ ކޮންމެ ފުލުހަކުމެ އެންމެންގެ ފަރާތުން ފެންނަން ބޭނުންވާ ކަންތައްތަކެއް ހުންނާނެ ކަމަށް ނަވީން ފާހަގަކުރެއްވިއެވެ. އަސާސީ ތަމްރީނަކީ ހަމައެކަނި ވަޒީފާގައި ދާއިމީވުމަށް ކުރާ ކަމަކަށް ނުބަލައި، ޚިދުމަތުގައި ކުރިއަރުވައި އަމިއްލަ ދިރިއުޅުން ފުރިހަމަކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލުމުގެ މުހިންމުކަން ނަވީން ފާހަގަކުރެއްވިއެވެ.

މުޖުތަމައުގެ ސަލާމަތާއި މަސްލަހަތު ހިމާޔަތްކުރުމަކީ ކޮންމެ ފުލުހެއްގެ ވެސް އެންމެ މުހިންމު ޒިންމާ ކަމަށް ނަވީން ވިދާޅުވިއެވެ. ނަޒާހަތްތެރިކަމާއި ޒިންމާދާރުކަމާއެކު މަސައްކަތްކޮށް، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ފުލުހުންނަކަށް ވުމަށް އޭނާ ގޮވާލެއްވިއެވެ.

ކޮންމެ ފުލުހަކުމެ ތަމްރީނާއި ތަޢުލީމު ހާސިލުކޮށް، ކެރިއަރުގައި ކުރިއަށްދާނެ ގޮތުގެ ސާފު ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބުރަ މަސައްކަތް ކުރަންޖެހޭ ކަމަށް ނަވީން ވިދާޅުވިއެވެ. ފުލުހުންގެ ޚިދުމަތަކީ ވާދަވެރި މާހައުލެއްގައި ކުރިއެރުމުގެ ފުރުޞަތުތައް ގިނަ ދާއިރާއެއް ކަމަށާއި، މުއައްސަސާއިން ފޯރުކޮށްދޭ ފުރުޞަތުތަކާ އެއްވަރަށް ފުލުހުން އަމިއްލައަށް ވެސް ގާބިލުކަން ސާބިތުކޮށްދޭންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ފުލުހުންގެ މަރުކަޒުތަކުގައި މަސައްކަތްކުރެވޭ ފަދަ ގާބިލުކަމާއި ތަޖުރިބާ ހޯދައި، ކުރިއެރުމުގެ މަގުތައް ހޯދުމަށް ބޭނުންވާ ފުލުހުންނަކަށް ވުމަށް ނަވީން ގޮވާލެއްވިއެވެ. އިޚްލާޞްތެރިކަމާއެކު ޤައުމަށް ޚިދުމަތްކުރާ ފުލުހުންނަކަށް ވުމުގެ މުހިންމުކަން އޭނާ ތަކުރާރުކުރެއްވިއެވެ.

ފުލުހުންގެ މުއައްސަސާގެ ތަޞައްވުރު ރަނގަޅުކުރެވޭނީ ކޮންމެ ފުލުހަކުމެ ޑިއުޓީ އަދާކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، އަމިއްލައަށް އިސްނަގައިގެން މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކޮށްގެން ކަމަށް ނަވީން ވިދާޅުވިއެވެ. ރައްޔިތުންނާ ރީތި ބަހުން މުޢާމަލާތްކޮށް، އެމީހުން ބޭނުންވާ ގޮތަށް ޚިދުމަތް ފޯރުކޮށްދީ، ރައްޔިތުންގެ ލޯބިއާއި އިޙްތިރާމް ހޯދައި، އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ފުލުހުން ހެދުމަށް ކޮންމެ ފުލުހަކުމެ ބުރަ މަސައްކަތް ކުރަންޖެހޭ ކަމަށް ނަވީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.