މާލެ ސަރަހައްދުގައި އަޟްހާ އީދު ނަމާދުކުރާނެ ތަންތަނުގެ ތަފްސީލް ހާމަކޮށްފި

މާލެ ސަރަހައްދުގައި އަޟްހާ އީދު ނަމާދުކުރާނެ ތަންތަނުގެ ތަފްސީލް ހާމަކޮށްފި

Author
ހުސައިން
30 މެއި 2025 10:43
0

އިސްލާމިކް މިނިސްޓްރީން މާލެ ސަރަހައްދުގައި އަޟްހާ އީދު ނަމާދުކުރާނެ ތަންތަނުގެ ތަފްސީލް އާންމުކޮށްފިއެވެ. މިނިސްޓްރީން ހާމަކުރި ތަފްސީލުތަކުގައި ވާގޮތުން މިއަހަރު މާލެ ސަރަހައްދުގައި އީދު ނަމާދުކުރާނީ 4 މައިދާނަކާއި 24 މިސްކިތެއްގައެވެ.

ބޮޑު ޖަމާއަތުގައި ނަމާދުކުރާނެ ތަންތަނުގެ ގޮތުގައި ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމް، ވިލިމާލެ ބޯޅަދަނޑު، ހުޅުމާލެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ފޭސް 2 ކްރިކެޓް ސްޓޭޑިއަމެވެ.

މިސްކިތްތަކުގެ ތެރޭގައި މާލޭގެ 17 މިސްކިތެއް ހިމެނޭއިރު، ވިލިމާލެއިން މަސްޖިދުއްސަލާމް އަދި ހުޅުމާލެ ފޭސް 1 އާއި 2 އިން 6 މިސްކިތެއް ހިމެނެއެވެ.

މާލޭގައި އީދު ނަމާދުކުރާނެ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒު، މަސްޖިދުލްމަލިކި ސަލްމާން، މަސްޖިދުލްފުރުޤާން، މަސްޖިދުއްނޫރު، މަސްޖިދުއް ޝަޙީދު ޢަލީ، ޠައިބާ މިސްކިތް، ދުބުރި މިސްކިތް، ފަނޑިޔާރު މިސްކިތް، ބަންޑާރަ މިސްކިތް އަދި ރަންމިސްކިތް ފަދަ މަޝްހޫރު މިސްކިތްތައް ހިމެނެއެވެ.

ހުޅުމާލޭގައި ނަމާދުކުރާނެ މިސްކިތްތަކުގެ ތެރޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ، މަސްޖިދު ރަޝީދު، މަސްޖިދު ޢަޒީޒާ މޫސާ، މަސްޖިދު ޙަސަން އާދަމް، މަސްޖިދު އަބީބަކުރިނިއްޞިއްދީޤް އަދި މަސްޖިދު އަޞްދިޤާ ހިމެނެއެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން މައިދާންތަކުގައި ކުރާ ބޮޑު ޖަމާއަތުގެ ނަމާދު ކެންސަލް ކުރަން ޖެހިއްޖެނަމަ، މާލޭގައި އީދު ނަމާދުކުރާނީ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައެވެ.

މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި އީދު ނަމާދު ފެށޭ ގަޑި ވަނީ އަވަސްކޮށްފައެވެ. އެގޮތުން މިހާރު އީދު ނަމާދު ފަށާނީ ހެނދުނު 7:00 ގައިކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ކުރިން އީދު ނަމާދު ފަށަމުން ދިޔައީ 7:30 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.