ދުންފަތާ ދެކޮޅަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ފިޔަވަޅުތަކަކީ ދުނިޔެއަށް ނަމޫނާއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ހާއްސަ އެވޯޑެއް ވަނީ ހަވާލުކޮށްފައެވެ. މި އެވޯޑު ރައީސަށް އެރުވީ ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދުއެވެ.
ހަފުލާއަށް ފޮނުއްވި ވީޑިއޯ މެސެޖުގައި ގެބްރިއޭސަސް ވިދާޅުވީ، ރާއްޖޭގައި ވޭޕާއި އީ-ސިގިރޭޓް މަނާކުރުމާއި، ސިގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމުގެ ގާނޫނު ތައާރަފުކުރި ކަމަކީ ވަރަށް މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.
"ދިވެހިރާއްޖެއަށް ހާސިލުވި މި ކާމިޔާބަކީ، ދުންފަތުން ރައްޔިތުން ސަލާމަތްކުރަން މަސައްކަތްކުރާ އެހެން ގައުމުތަކަށް ނަމޫނާއަކާއި ހިތްވަރެއް،" ގެބްރިއޭސަސް ވިދާޅުވިއެވެ.
ދުންފަތުގެ ޖެނެރޭޝަން ބޭން ނުވަތަ 2007 ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމުގެ ގާނޫނު މި މަހުގެ 21 ގައި ތަސްދީގުކޮށްފައިވާއިރު، އަންނަ ނޮވެމްބަރު 1 ން ފެށިގެން އަމަލުކުރަން ފަށާނެއެވެ.
ގެބްރިއޭސަސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދުންފަތުން ދުރުވާން ބޭނުންވާ ފަރާތްތަކަށް ސްމޯކް ސެސޭޝަން ކްލިނިކްތައް ގާއިމުކުރާ ކަމަކީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ.
އައު ގާނޫނުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން ގަންނަ މީހާގެ އުމުރު ޔަގީންކުރަންޖެހޭނެއެވެ. 2007 ގެ ފަހުން އުފަންވި ނުވަތަ 21 އަހަރުން ދަށުގެ މީހަކަށް ދުންފަތް ވިއްކުމަކީ މަނާކަމެކެވެ. އުމުރު ޔަގީންކުރުމަށް އައިޑީކާޑު ނުވަތަ ރަސްމީ ލިޔުމެއް ދައްކަންޖެހޭނެއެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ނަސޭހަތްތެރިވަމުންދާ ކަމަށެވެ. ދުންފަތް ކޮންޓްރޯލްކުރުމަކީ އެންމެންގެ ފައިދާއަށް ކުރާ ކަމެއް ކަމަށާއި، އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކާމިޔާބު ހާސިލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ