ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި 4000 ފުލެޓުގެ ތެރެއިން، ކުރީ ސަރުކާރުން ފުލެޓު ލިބޭ ކަމަށް ކަނޑައެޅި ނަމަވެސް މި ސަރުކާރުން އާންމުކުރި ލިސްޓުގައި ހިމެނިފައި ނުވާ ފަރާތްތަކަށް ސަރުކާރާ ދެކޮޅަށް ދައުވާކުރެވޭނެ ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެއެވެ. މިކަމަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފުލެޓާއި ގޯތީގެ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ 'ފަހި ޔޫނިއަން' ޖަމިއްޔާއިން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ފެބްރުވަރީ 27 ގައި ހައުސިން މިނިސްޓްރީން އާންމުކުރި އަލުން އިވެލުއޭޓްކުރި ލިސްޓުގައި ފުލެޓު ލިބޭ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ. މިއީ ކުރީ ސަރުކާރުގައި ފުލެޓު ލިބޭ ކަމަށް ކަނޑައެޅި 4939 މީހުންގެ ތެރެއިން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަލުން ބެލި ފޯމްތަކުގެ ތެރެއިން ދެބައިކުޅަށް އެއްބަޔަށް ވުރެ ގިނަ ފޯމަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫން ކަމަށް ފާހަގަކުރެވިފައި ވެއެވެ.
'ފަހި ޔޫނިއަން’ގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސައިން ވިދާޅުވި ގޮތުގައި، ފުލެޓު ލިބުނު ގިނަ ފަރާތްތައް ލިސްޓުން އުނިވީ ކުރީ ސަރުކާރުން އެކުލަވައިލައި ގެޒެޓުކުރި އުސޫލު މި ސަރުކާރުން ބަދަލުކުރުމުންނެވެ. މި ސަރުކާރުން ކުރިން އުސޫލު ބަދަލުނުކުރާނެ ކަމަށް ބުނި ނަމަވެސް ބަދަލުކޮށްފައިވާ ކަމަށާއި، މިކަން ގިނަ ރައްޔިތުންނަށް އަދިވެސް ނޭނގޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އުސޫލުގެ ހަވަނަ މާއްދާގެ ދަށުން ފުލެޓު ހަވާލުކުރުމަކީ ނިމިފައިވާ މުއާމަލާތެއް ކަމަށާއި، ނިމިފައިވާ މުއާމަލާތެއް ރޫޅާލައި މީހެއްގެ ހައްގެއް ނިގުޅައިގަތުމަކީ އެގްރިމަންޓާ ޚިލާފު އުސޫލެއް ކަމަށް އަލީ ވިދާޅުވިއެވެ. ސަރުކާރަށް އެއްބަސްވުން އުވާލެވޭނީ ކޯޓަށް ގޮސް ތިން ކޯޓުގެ މަރުހަލާ ކަޑައްތުކުރުމަށް ފަހު ކަމަށާއި، ކޯޓުން ނިހާއީ ހުކުމެއް ހޯދައިގެން މެނުވީ ފުލެޓު އެމީހާއަށް ހައްގު ނޫންކަން ކަނޑަނޭޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލެޓު ގެއްލުނު މީހުންނަށް ސަރުކާރާ ދެކޮޅަށް ދައުވާ ކުރުމުގައި ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސިލްސިލާ މަސައްކަތްތަކެއް ފަހި ޔޫނިއަންއިން ކުރިއަށް ގެންދާނެ ކަމަށް އަލީ ވިދާޅުވިއެވެ. މި ޔޫނިއަންގެ ފަރާތުން ފުލެޓުތަކާ ގުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެޑްރެސްކުރުމަށް އޮފީހެއް ތައްޔާރުކޮށްފައިވާ ކަމަށާއި، ފުލެޓުތަކާ ގުޅިގެން ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއްގައި އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ފުލެޓުތަކާ ގުޅިގެން ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއްގައި އަޅުގަނޑުމެންގެ އެހީތެރިކަމާއި އެއްބާރުލުން ފަހި ޔޫނިއަންގެ ފަރާތުން ދޭނެކަން އަޅުގަނޑު ދަންނަވަން،" އަލީ ހުސައިން ވިދާޅުވިއެވެ.
ސަރުކާރަކާ ދެކޮޅަށް ތެދުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އެނގޭތީ، ފަހި ޔޫނިއަންގެ ފަރާތުން މި އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އަލީ ވިދާޅުވިއެވެ. އުސޫލުގެ ހަވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ފުލެޓުތައް ހަވާލުކޮށް ނިމިފައިވާތީ، ނިމިފައިވާ މުއާމަލާތެއް ނިގުޅައިގަންނަ ނަމަ ކޯޓަށް ގޮސް ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލަން އެދި ވަގުތީ އަމުރަކަށް އެދުމުގެ ފުރުސަތު ފުލެޓު ގެއްލުނު މީހުންނަށް އޮންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފަހު ދުވަސްވަރު، 2024 ނޮވެމްބަރު 4 ގައި ފުލެޓު ލިސްޓު ނެރުނެވެ. އެ ލިސްޓާ މެދު ޝަކުވާ ކުރުމުން އެ މަހުގެ 15 ގައި އިތުރު ދާއިމީ ލިސްޓު ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި މިދިޔަ ފެބްރުވަރީ މަހު އޭސީސީން ބައެއް ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަދިނެވެ. މި ސަރުކާރުން ފުލެޓު ލިސްޓު ހައުސިން މިނިސްޓްރީން ބެލުމަށްފަހު އާންމު ކުރުމަށް ނިންމި ނަމަވެސް، ލިސްޓު ނެރޭނެ ކަމަށް ބުނި އެކި ތާރީޚުތަކުގައި ލިސްޓު ނެރެފައި ނުވެއެވެ.
ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓްމެންޓަށް 1218 ފަރާތެއް އަދި ތިން ކޮޓަރީގެ އެޕާޓްމެންޓަށް 3721 ފަރާތެއް ޝަރުތު ހަމަވެފައިވެއެވެ. ފުލެޓުތަކާ ގުޅޭ ޝަކުވާތައް މި މަހުގެ ނިޔަލަށް ބަލައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ