ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބަނގުރާ ގެންގުޅޭ ކަމުގެ ތުހުމަތުގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވެއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ ބަންގްލަދޭޝްގެ 37 އަހަރުގެ ޝަރިފް އުއްދީން އާއި އިންޑިއާގެ 24 އަހަރުގެ މަނިމަރަން ރަވީޗަންދްރަން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ބަނގުރާ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އިއްޔެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައި ފާސްކުރިކަން ފުލުހުން ބުނެއެވެ.
އެ ގެއިން ފެނުނު ތަކެތީގެ ތެރޭގައި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އެކުލެވޭ 500 އެމްއެލްގެ 25 ފުޅި ހިމެނޭ ކަމަށާއި، އަދި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ލީޓަރުގެ ހަތަރު ފުޅި ވެސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ބަނގުރާ ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ޝައްކުކުރެވޭ އެހެނިހެން ސާމާނު ވެސް އެ ތަނުން ފެނިފައިވާ ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ހައްޔަރުކުރެވުނު ދެ ބިދޭސީން ޑީޕޯޓުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ