ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމިއެވެ.
ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ މަގާމަށް ޖުމްލަ 12 ކެންޑިޑޭޓުން ކުރިމަތިލި ކަމަށާއި، އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބުނީ ހަމީދާއި ސަލީމަށް ކަމަށް ޖޭއެސްސީން ބުނެއެވެ. މެންދުރުފަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި، މާކުސް ލިބުނު ތަރުތީބުން ކެންޑިޑޭޓުންގެ ލިސްޓު ރައީސް އޮފީހަށް ފޮނުވުމަށް ނިންމިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ދެ މަގާމު ހުސްވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. އެ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ، އަޒްމިރަލްދާގެ ފިރިކަލުންނާއި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުން ދޫކުރުމަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
މި މައްސަލައިގައި ޢަމަލުކުރި ގޮތާމެދު އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި އެކި ގައުމުތަކުގެ ބާ އެސޯސިއޭޝަންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ޑރ. މުހައްމަދު އިބްރާހިމް، އަލީ ރަޝީދު ހުސައިން، ހުސައިން ޝަހީދު އަދި އާއިޝާ ޝުޖޫން މުހައްމަދެވެ.
ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރީ، ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ މިދިޔަ މާޗް މަހުގެ 4 ވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިދިޔަ ފެބްރުއަރީ މަހު ވަކިކުރި ފަނޑިޔާރުން ސަސްޕެންޑުކުރީ، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީން ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.
ފަނޑިޔާރުން ސަސްޕެންޑުކޮށް ޖޭއެސްސީން ސުލޫކީ މައްސަލަތަކެއް ބެލީ މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްގެން ކަމަށް އެ ފަނޑިޔާރުން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ޖޭއެސްސީގައި ތިއްބެވި ސަރުކާރުގެ އިސް ބޭފުޅުން މި ވާހަކަ ދޮގުކުރައްވައިފައިވެއެވެ.
ކޮމެންޓު ފޮނުވާ