ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީއިން ހުޅުވާލައިފި އެވެ. މި މަގާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް މިނިސްޓްރީގެ އެތެރޭގެ އިއުލާނުގައި ބުނެފައިވެ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން މަތީގެ އޮފިސަރުންނަށް ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ. މި މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި އިސްތިއުފާ ދެއްވުމުންނެވެ. މިހާރު އެކްޓިން ކޮމިޝަނަރުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ ޑެޕިޔުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެވެ.
މި ސަރުކާރުގައި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފުރަތަމަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލެއްވީ ދެ ބޭފުޅުންނެވެ. އެއީ ނަވީން އާއި ޝުޖާއު އެވެ. އެ ފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވީ ޝުޖާއު އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ ސީދާ ބާރެއް ރައީސަކަށް ނުލިބެ އެވެ. ގާނޫނުގައި ބުނާ ގޮތުން މި މަގާމަށް އާންމުކޮށް ހުޅުވާލައިގެން 90 ދުވަސް ދޭން ޖެހޭނެ އެވެ. އަދި މި މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުރި މީހަކަށް ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ކުރިމަތިލާ މީހުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަންކުރުމަށްފަހު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މީހުންނާ ބެހޭ ރިޕޯޓެއް ތައްޔާރުކުރާނެ އެވެ. މި ރިޕޯޓުގައި ކޮމިޝަނަރަކަށް އައްޔަންކުރަން ޝަރުތު ފުރިހަމަވޭތޯ، އަބުރުވެރިކަން ހުރި ނިސްބަތް އަދި ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ނުޖެހޭ ސަބަބެއް އޮތް ނަމަ އެކަން ހިމަނާނެ އެވެ.
ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރައްވާނީ ޕޮލިސް ބޯޑުން ހުށައަޅާ ނަންތައް ވަޒަންކޮށް، ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނަ ވަޒީރެއްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ކޮމެންޓު ފޮނުވާ