މިދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވެފައި ވާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

މިދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވެފައި ވާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

Author
ހުސައިން
27 މެއި 2025 02:28
0

ސިއްޙީ ދާއިރާގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާ ފެތުރުމުގެ މިންވަރު ކުރިއަށްވުރެ ބޮޑަށް އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެ އޭޖެންސީން އާންމުކުރި މައުލޫމާތުގައި ވާގޮތުން، 2025 ވަނަ އަހަރުގެ އޭޕްރީލް 6 އިން މެއި 17 އާ ދެމެދު ރިޕޯޓްކުރެވުނު އަރިދަފުސް ރޯގާގެ 43,882 ކޭސް ރަޖިސްޓަރީ ކުރެވިފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ ހަމަ މި މުއްދަތުގައި ރެކޯޑްކުރި 36,048 ކޭހާ އަޅާބަލާއިރު ގާތްގަނޑަކަށް 22 ޕަސެންޓުގެ އިތުރުވުމެކެވެ.

އަރިދަފުސް ރޯގާގެ އިތުރުން އިންފްލުއެންޒާ ކޭސްތަކުގައި ވެސް ފާހަގަކޮށްލެވޭ ބޮޑު އިތުރުވުމެއް ފެނިފައިވެއެވެ. 2024 ވަނަ އަހަރުގެ ހަމަ މި ދުވަސްވަރު ހަމައެކަނި 50 ކޭސް ރިޕޯޓްކުރިއިރު، މިއަހަރު މި އަދަދު 254 އަށް އަރާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ފައްސަތައިގައި ބަލާނަމަ 408 ޕަސެންޓުގެ ބޮޑު އިތުރުވުމެކެވެ.

އެހެންނަމަވެސް، ކޮވިޑް-19 ގެ ހާލަތު ވަނީ ސްޓޭބަލް ކޮށް ހިފެހެއްޓިފައެވެ. މިދިޔަ އަހަރު 38 ކޭސް ރިޕޯޓްކުރިއިރު މިއަހަރު 37 ކޭސް ރިޕޯޓްކުރެވިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޞިއްޙީ އިދާރާތަކުން ލިބޭ މައުލޫމާތަށް ބަލާއިރު، މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަރިދަފުސް ރޯގާ ފެތުރެމުން ދާއިރު، ކޮވިޑް-19 އާއި އިންފްލުއެންޒާ ކޭސްތަކުގެ ބޮޑު ބައެއް ރިޕޯޓްކުރަނީ މާލެ ސަރަހައްދުންކަމަށް އެޗްޕީއޭން ފާހަގަކޮށްފައިވެއެވެ.

މި ހާލަތާ ގުޅިގެން ޞިއްޙީ ފަރުވާގެ ޚިދުމަތްދޭ ތަންތަނުގެ ޕްރެޝަރު އިތުރުވެފައިވާތީ، އާންމުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ނަސޭހަތްތެރިވެފައިވެއެވެ. ޚާއްޞަކޮށް އަތް ސާފުކޮށް ބެހެއްޓުމާއި، ކެއްސުމާއި ކިހުމުގައި ނޭފަތް ވަރުކުރުމާއި، ބަލިވެއްޖެ ހާލަތުގައި ގޭގައި މަޑުކުރުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭން އިލްތިމާސްކޮށްފައިވެއެވެ.

މިފަދަ ރޯގާތައް ފެތުރޭ މިންވަރު މަދުކުރުމަށްޓަކައި، ޞިއްޙީ އިދާރާތަކުން ވަނީ ބަލިމީހުންނަށް ފަރުވާދިނުމުގެ އިތުރުން، ރޯގާ ކޮންޓްރޯލްކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް ބުނެފައެވެ. އަދި ހަމައެއާއެކު، ރައްޔިތުންގެ އެއްބާރުލުން ލިބުމަކީ މި މަސައްކަތް ކާމިޔާބުކުރުމަށް މުހިންމު ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

ޞިއްޙީ ޚިދުމަތްތަކުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ މި ރޯގާތައް ފެތުރުމުގެ މިންވަރު ކޮންޓްރޯލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެހެންނަމަވެސް އާންމުންގެ ފަރާތުން ޒިންމާދާރުކަމާއެކު އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ތަކުރާރުކޮށް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.