އެނގިހުރެ އެއްވެސް މީހަކަށް ކޮރަޕްޝަން ހިންގާކަށް ފުރުސަތެއް ނުދޭނަން: ރައީސް

އެނގިހުރެ އެއްވެސް މީހަކަށް ކޮރަޕްޝަން ހިންގާކަށް ފުރުސަތެއް ނުދޭނަން: ރައީސް

Author
ހުސައިން
26 މެއި 2025 08:07
0

އެނގިހުރެ އެއްވެސް މީހަކަށް ކޮރަޕްޝަން ހިންގާކަށް ފުރުސަތެއް ނުދޭނެ ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ތަރައްގީގެ މާސްޓާ ޕްލޭނަށް އެޗްޑީސީން ގެނެސްފައިވާ ބަދަލުތަކާއި، އެ ކުންފުނީގެ އާ ވެބްސައިޓް ލޯންޗްކުރި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވައި، ސަރުކާރުގެ ކުންފުނިތަކާއި ވުޒާރާތަކާއި މުއައްސަސާތައް ޓްރާންސްޕޭރަންޓް ގޮތެއްގައި ހިންގައި، ކޮރަޕްޝަނުން ދުރުހެލިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮރަޕްޝަނަކީ ހަމައެކަނި ވާހަކަ ދައްކާފައި ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި، އެމަނިކުފާނަށް އެނގިވަޑައިގަންނަވާހާ ހިނދަކު އެއްވެސް މީހަކަށް ކޮރަޕްޝަނުގެ ފުރުޞަތެއް ނުދެއްވާނެ ކަމަށް ރައީސް ހާމަކުރެއްވި އެވެ. މިއީ ސުވާލެއް ކުރާކަށް ނުޖެހޭ ގޮތަށް ހުއްޓުވަން ބޭނުންވާ ކަމެއް ކަމަށް ރައިސް ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވެ، ހިންގުމުގެ ނިޒާމުތައް ކޮރަޕްޝަނުން ސަލާމަތްކުރެވޭ މިންވަރަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ހާމަކުރެއްވި އެވެ.

ރައްޔިތުން އިތުބާރުކޮށްގެން ޚިދުމަތްކުރުމަށް ހަވާލުކޮށްފައިވާ ކަމަށާއި، ލިބޭ މުސާރައަކީ ހަލާލު ގޮތުގައި ހޯދާ އާމްދަނީއަކަށް ވާންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ނާޖާއިޒު ފައިދާ ހޯދުމުގެ ފުރުޞަތެއް އޮންނަން ނުވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

އެޗްޑީސީން މިއަދު ހުޅުވާލި އާ ވެބްސައިޓަކީ ރަނގަޅު ވެރިކަމުގެ އުސޫލުތައް ގާއިމުކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ. ޓްރާންސްޕޭރަންޓް ގޮތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަކީ ހުރިހާ އެންމެންގެ ޒިންމާއެއް ކަމަށާއި، އެޗްޑީސީން ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.