ސަރުކާރު ކުންފުނިތަކުގެ ވެރިން ބަދަލުކުރަނީ ހެޔޮ ވެރިކަމާއި ދެފުށް ފެންނަ ހިންގުމެއް ޤާއިމުކުރުމަށް ކަމަށް: ރައީސް

ސަރުކާރު ކުންފުނިތަކުގެ ވެރިން ބަދަލުކުރަނީ ހެޔޮ ވެރިކަމާއި ދެފުށް ފެންނަ ހިންގުމެއް ޤާއިމުކުރުމަށް ކަމަށް: ރައީސް

Author
ހުސައިން
26 މެއި 2025 02:15
0

ސަރުކާރު ކުންފުނިތަކުގެ ވެރިން ބަދަލުކުރަނީ ހެޔޮ ވެރިކަމާއި ދެފުށް ފެންނަ ހިންގުމެއް ޤާއިމުކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މި ވާހަކަފުޅު ދެއްކެވީ ހުޅުމާލޭގެ އަލަށް ތައްޔާރުކުރެވުނު މާސްޓަރޕްލޭން ހުޅުވުމަށް ފޭސް ދޭއްގެ ބީޗް ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތުގައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުންފުނިތަކުގެ ލީޑަރޝިޕް ބަދަލުކުރުމުގެ މަޤްޞަދަކީ ކޮރަޕްޝަން ނައްތާލައި، ޓްރާންސްޕޭރަންޓް ގަވަނަންސް އުސޫލުތައް ތަންފީޒުކުރުމެވެ. އެ މަނިކުފާނު ވިދާޅުވީ މިފަދަ ބަދަލުތަކުގެ ނަތީޖާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ފެންނަން ފަށާފައިވާ ކަމަށެވެ.

"ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކާއި މުއައްސަސާތައް ހިންގަންވާނީ ދެފުށް ފެންނަ ގޮތުގައި، ކޮރަޕްޝަނާ ދުރުގައި. ކޮރަޕްޝަނަކީ އަޅުގަނޑުމެން އެންމެން އެކައްޗެކޭ ކިޔާފައި ނޫނެކޭ ބުނާ ކަމަކަށް ވެގެން ނުވާނެ. އެއީ ހުއްޓުވަން އަޅުގަނޑު ބޭނުންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުގެ އެންމެހައި ދާއިރާތަކުން މަސައްކަތް ކުރަންޖެހޭ ކަމަށާއި، ކޮރަޕްޝަނުން ނިޒާމު ސަލާމަތްކޮށްގެން ނޫނީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅެއް ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރަން. އަޅުގަނޑުމެންގެ އާމްދަނީ ހޯދަންވާނީ ހަލާލު ގޮތުގައި. ބޭރުން ނާޖާއިޒު ފައިދާ ހޯދުމުގެ ފުރުޞަތެއް އޮވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރަނގަޅު ހިންގުމާއި އިހުލާސްތެރި ޚިދުމަތް ދިނުމަކީ ސަރުކާރުގެ ކޮންމެ މުވައްޒަފެއްގެ ވެސް ޒިންމާއެކެވެ. އަދި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޗްޑީސީއާއި ސަރުކާރުގެ އެހެން ކުންފުނިތަކުން ކުރާ މަސައްކަތްތައް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"ކުންފުނިތަކާއި މިނިސްޓްރީތަކާއި ސަރުކާރުގެ މުއައްސަސާތައް މިގޮތަށް ހިންގުމުން، ދެފުށް ފެންނަ، ހިންގުންތެރި، ގުޑް ގަވަނަންސް ޤާއިމުކުރެވޭ ސަރުކާރަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މި ވާހަކަފުޅު ދެއްކެވީ، އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު، ބިމާއި ފްލެޓްތަކާ ގުޅޭ ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން އިސްތިއުފާ ދެއްވުމަށްފަހުގައެވެ. މިއަދު އެޗްޑީސީން ވިސްލްބްލޯކުރުމުގެ ފީޗަރއާއެކު އާ ވެބްސައިޓެއް ވެސް ތައާރަފުކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.