ފައިރޫޝްއަކީ ޢައިރު ޤާނޫނީ އަމުރު ތަކަށް ތަބާނުވާނެ ކަމަށް ބުނަން ކެރޭ ބޭފުޅެއް: އުމަރު

ފައިރޫޝްއަކީ ޢައިރު ޤާނޫނީ އަމުރު ތަކަށް ތަބާނުވާނެ ކަމަށް ބުނަން ކެރޭ ބޭފުޅެއް: އުމަރު

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2021 02:42
0

ފުލުހުންގެ ޚިދުމަތް އިއްޔެ ރިޓަޔާ ކުރެއްވި ޑރ.އަބްދުﷲ ފައިރޫޝްއަކީ ޢައިރު ޤާނޫނީ އަމުރު ތަކަށް ތަބާނުވާނޭ ކަމަށް ބުނަން ކެރޭ ބޭފުޅެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ފައިރޫޝްގެ ރިޓަޔާމެންޓާއިއެކު ސަރުކާރު ހިންގާ މައިޕާޓީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ކިޔަމުންދާ ފާޑުކިޔުންތަކާއި، ގުޅިގެންނާއި، ފައިރޫޝްގެ އަގުހުރި ޚިދުމަތަށް ހިއްވަރު ދެއްވައި އުމަރު ވިދާޅުވީ ފައިރޫޝް އަކީ ވަރަށް ތަޢުލީމީ އަދި ހުނަރުވެރި އޮފިސަރެއްކަމަށެވެ. ވެރިންގެ އަރިހުގައި ގޯހަށް ގޯހޭ ބުނަން ކެރޭ ބޭފުޅެއްކަމުގައެވެ. ޢައިރު ޤާނޫނީ އަމުރު ތަކަށް ތަބާނުވާނޭ ކަމަށް ބުނަން ކެރޭ ބޭފުޅެއްކަމަށެވެ.

އެދުވަހު އަޅުގަޑު ފައިރޫޝް އަށް ދެންނެވި ވާހަކަ މިއަދުވެސް ދަންނަވާލާނަން. މި ރާއްޖެ އަށް ޚިދުމަތް ކުރެއްވުމުގައި ދެމި ހުންނަވާ. 'ސިޔާސީ ޖާހިލުން' ގެ އަތަށް މިޤައުމު ދޫނުކޮށް މި ޤައުމުގައި މިހިރަ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި މި ރާއްޖޭގައި ދެމި ހުންނަވާ.

– އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާގެ ވަޒީރު ކަމުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ނުބައި އަމަލު ތަކަށް ފާޅުގައި ނޫނެކޭ ވިދާޅުވާން ކެރުނު މަދު އޮފިސަރުންގެ ތެރޭގައި ފައިރޫޝް ހިމެނުނުކަމަށެވެ. ފުލުހުންގެ މަދު ބަޔަކު ބޭނުން ކޮށްގެން އަދީބު ހިންގަމުން ގެންދިޔަ ޢައިރު ޤާނޫނީ އަމަލުތައް ހުއްޓުވުމުގައި އެކިގޮތްގޮތުން އޭރު އޭނާއަށް އެންމެ އެހީތެރިވެ ދެއްވި އެއްބޭފުޅަކީ ފައިރޫޝްކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ފައިރޫޝް ގެ ޒިންމާ ކުޑަކޮށް، 'އެހެލަން' މަސައްކަތް ކުރެވުނުކަމަށެވެ. ނަމަވެސް އެދުވަހުވެސް ފައިރޫޝް ދައްކަވާފައިވަނީ ހިއްވަރާ ކެރުމާއި، ސާބިތުކަން ކަމުގައި އުމަރު ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުން ފައިރޫޝް ވަކިވުމާއި ގުޅިގެން އޭނާގެ ޚިދުމަތުގެ އަގު ވަޒަންކޮށް ރައީސް ޞާލިހުވެސް ވަނީ އޭނާއަށް ޝުކުރު އަދާކުރައްވައި އަދިވެސް ޚިދުމަތުގައި ދެމި ހުންނެވުމަށް އެދިވަޑައިގެންފައެވެ. ރައީސް ޞާލިހު ފައިރޫޝްއަށް ޝުކުރު އަދާކުރެއްވި ނަމަވެސް އެމްޑީޕީގެ ބައެއް ބޭފުޅުންދަނީ ފައިރޫޝްއަކީ ބަޣާވާތުގެ އިސް ބައިވެރިކަމެއްކަމަށްބުނެ އޭނާއަށް ފާޑުކިޔަމުންނެވެ.

ފުލުހުންގެ ޚިދުމަތުން ޑރ. ފައިރޫޒް ރިޓަޔަރކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގައެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ. ފައިރޫޝްއަކީ އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ލޯ އެންފޯސްމަންޓް އިންޓެލިޖެންސްއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފުލުހުންގެ ޚިދުމާއި 1998 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަ ދުވަހު ގުޅިވަޑައިގަތް ފައިރޫޝް ވަނީ 20 އަހަރާއި 1 މަސްދުވަސް ހޭދަކުރައްވާފައެވެ.

ފުލުުހުންނަށް ދޭ 9 ކުލައަކާއި 6 މެޑަލް ފައިރޫޝް ހާސިލްކުރައްވާފައިވާއިރު، އޭނާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު އެކި ތަމްރީންތައް ފުރިހަމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.