މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދެ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ. މި ދެ މީހުންނަކީ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައިވާ މީހަކާއި، ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މީހެކެވެ.
ފުރަތަމަ މީހަކީ ހއ. ދިއްދޫ، ޝަރުމީމަންޒިލްގެ، 41 އަހަރުގެ މުހައްމަދު އަރީފެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގަމުންދާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމަށް އަންގާފައިވީނަމަވެސް، ހާޒިރުނުވާތީ ބަންދުގައި ބަހައްޓައިގެން މެއި 27 ވަނަ ދުވަހު ހެނދުނު 9:00 ގައި ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަމުރެއް ކޮށްފައިވެ އެވެ.
ދެވަނަ މީހަކީ ކ. ތުލުސްދޫ ވައިޓްރޯސްގެ 39 އަހަރުގެ މުހައްމަދު ހަމްދާނެވެ. މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހަމްދާން ތަހުގީގަށް ހާޒިރުކުރަން ޖެހޭނަމަވެސް، އޭނާ އުޅޭ ތަނެއް ނޭނގޭތީ ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވެ އެވެ.
ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ހަމްދާން ހޯދުމަށް ފުލުހުން އިއުލާން ކޮށްފައިވެ އެވެ. އޭނާ ހާޒިރުވާންޖެހެނީ ޖޫން މަހުގެ 1 ވަނަ ދުވަހު މެންދުރުފަހު 2:00 ގައި ދިއްގަރު ޕޮލިސް ސްޓޭޝަނަށެވެ.
ފުލުހުން ވަނީ މި ދެ މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަން ހޯދާފަ އެވެ. މި ދެ މީހުންގެ މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސް ކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ