ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުޅުވާލި ފުރުސަތުގައި 658 ޒުވާނުން ފޯމު ހުށަހަޅާއިފި

ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުޅުވާލި ފުރުސަތުގައި 658 ޒުވާނުން ފޯމު ހުށަހަޅާއިފި

Author
ހުސައިން
25 މެއި 2025 02:30
0

ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސްގައި ބައިވެރިވުމަށް އެދި ހުޅުވާލި ފުރުސަތުގައި މިހާތަނަށް 658 ޒުވާނުން ފޯމު ހުށަހަޅާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގު ކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ މި މައުލޫމާތު ހާމަކުރައްވާފަ އެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ އޭޕްރީލު މަހުގެ 30 ވަނަ ދުވަހު ހުޅުވާލި މި ފުރުސަތަށް މިހާތަނަށް ފޯމު ހުށަހަޅާފައިވާ 658 ޒުވާނުންގެ ތެރޭގައި ހިމެނެނީ 538 ފިރިހެން ކުދިންނާއި 120 އަންހެން ކުދިންނެވެ. މީގެ ތެރެއިން 316 ކުދިންނަކީ 16 އަހަރާއި 18 އަހަރާ ދޭތެރޭގެ ކުދިން ކަމަށް ވާއިރު، އެ ކުދިން ވަނީ ބެލެނިވެރިޔާގެ ހުއްދައާ އެކު ފޯމު ހުށަހަޅާފަ އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދި ހުށަހަޅަން ދެވިފައިވާ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުންނެވެ. އަދި މި އަހަރުގެ ތެރޭގައި 1،000 ކުދިން ނެގުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ވިނަމަވެސް، ޓްރެއިނިން ފެސިލިޓީ ހުރި ގޮތުން ފުރަތަމަ ބުރުގައި އެ އަދަދަށް ކުދިން ނުނެގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓްރެއިނިން ފެސިލިޓީ ހަރުދަނާ ކުރުމަށް ވަސީލަތް ހޯދުމުގެ އިތުރުން ބަޖެޓު ހަމަޖައްސައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި 4،000 ޒުވާނުން ތަމްރީނު ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

ޕްރޮގްރާމް ނިންމާ ކުދިންނަށް ސިފައިން ނުވަތަ ފުލުހުންގެ ހިދުމަތާ ގުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މި ދެ ހިދުމަތާ ގުޅެން ބޭނުން ނުވާ ކުދިންނަށް އެހެން ކެރިއާ ތަކުން ކުރިއަށް ދާން ފުރުސަތު ލިބޭ ސްކީމެއް ވެސް ތަރައްގީ ކުރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ޕްރޮގްރާމުގައި ބައިވެރިވާން ހުށަހަޅާއިރު، ބެލެނިވެރިޔާ އިއުތިރާޒު ނުކުރާ ކަމުގެ އިގުރާރެއް ހުށަހަޅަން ޖެހޭނެ އެވެ.

ރައީސްގެ ހާއްސަ އިސްނެންގެވުމަކާ އެކު ފެށި މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި، އިސްލާމްދީނަށް ލޯބިކުރާ، ގައުމީ ހިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ ރައްޔިތުން ތަމްރީނު ކޮށްދޭނެ ޕްރޮގްރާމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މި ޕްރޮގްރާމް އިއުލާނު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ތަމްރީނު ލިބިފައި ތިބި އަހުލާގު ރަނގަޅު ގައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ޕްރޮގްރާމް އޭޕްރީލް މަހު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ޒުވާނަކަށް، ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.