ފޮޓޯ ޖާނަލިސްޓަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަނީ

ފޮޓޯ ޖާނަލިސްޓަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަނީ

Author
ހުސައިން
25 މެއި 2025 02:28
0

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޑްރޯން އަރުވަމުން ދަނިކޮށް ފުލުހުން ފޮޓޯ ޖާނަލިސްޓަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ޖާނަލިސްޓު އެސޯސިއޭޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅުމަށް ނިންމިއެވެ.

އޮންލައިން ނޫހެއް ކަމުގައިވާ "ވަން އޮންލައިން"ގެ މަލްޓި މީޑިއާ ނޫސްވެރިޔާ ހަމްދާން އަހުމަދު ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ޓެސްޓު ކުރުމުގެ ގޮތުން ހަތް ފޫޓު އުހަށް ޑްރޯން އަރުވަމުން ދަނިކޮށް ދެ ފުލުހަކު އައިސް އެކަން ކުރަން ހުއްދަ ނެތްނަމަ ނުކުރުމަށް އެންގި ކަމަށެވެ. އޭގެ ފަހުން އޭނާ ހުޅުމާލެ ދެވަނަ ފިޔަވަހީ ޕޮލިސް ސްޓޭޝަނަށް ގެންގޮސް މެސް ރޫމަށް ވައްދައި މޫނުމަތީ ތަޅައި، ކަރުގައި ހިފައި ނޭވާ ހާސްކުރި ކަމަށް ހަމްދާން ތުހުމަތު ކުރެއެވެ.

މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަނުން މިއަދު ނެރުނު އިންސިޑެންޓަލް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ހަމްދާންގެ ބަޔާންތަކާއި މެޑިކަލް ރިޕޯޓުތަކާއި ވަން އޮންލައިންގެ މައުލޫމާތުތަކަށް ރިޢާޔަތްކުރާއިރު، ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކޮށްފައިވާ ކަމަށް ބެލެވޭ ޖާގަ އޮތް ކަމަށެވެ. ފުލުހުން އަނިޔާ ނުކުރާ ކަމަށް ބުނި ނަމަވެސް، ޖިސްމާނީ އަނިޔާތަކާއި މެޑިކަލް ރިޕޯޓުތަކުން ފެންނަން ހުރި ކަންކަމަށް ބަލާއިރު އެފަދަ ޖާގަ އޮތް ކަމަށް އެމްޖޭއޭއިން ބުނެއެވެ.

އެ ޖަމިއްޔާއިން ނިންމާފައިވަނީ ހާދިސާ އިތުރަށް ތަހުގީގުކޮށް، ހަމްދާން ހުއްޓުވުމުގައި އުޅުނު ދެ ފުލުހުންގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށެވެ. އަދި ހަމްދާންގެ ހާލަތު ކައިރިން ބަލައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، ގާނޫނީ އެހީތެރިކަން ބޭނުންވާނަމަ އެމްޖޭއޭގެ ފަރާތުން އެކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެމްޖޭއޭއިން ފާހަގަކޮށްފައިވަނީ ނޫސްވެރިން ވެސް އާންމު އަޚުލާގީ މިންގަނޑާ އެއްގޮތަށް އަމަލުކުރަން ޖެހޭ ކަމަށާއި، ފޮޓޯ އާއި ވީޑިއޯ ނެގުމުގައި ހުއްދަ ނަގަން ޖެހޭނަމަ އެ ހުއްދަތައް ނެގުމަށެވެ. ނޫސް އިދާރާތަކުން ވެސް ނޫސްވެރިންނަށް މިކަމަށް ބާރުއަޅައި، މަސައްކަތުގައި އުޅޭއިރު ބޭނުންވާ ހުއްދަތައް ހިފައިގެން އުޅުމަށް އެމްޖޭއޭއިން އިލްތިމާސް ކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން ބުނެފައިވަނީ، ހަމްދާނަށް އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ކުރި ތަހުގީގުތަކުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.