ވޯކް-އިން އިންޓަވިއަށް ބޮޑު ތަރުހީބެއް ލިބުމާއެކު، އިތުރު 150 ޓްރެއިނީ އޮފިސަރުން ނަގާގޮތަށް އިމިގްރޭޝަންއިން ނިންމައިފި

ވޯކް-އިން އިންޓަވިއަށް ބޮޑު ތަރުހީބެއް ލިބުމާއެކު، އިތުރު 150 ޓްރެއިނީ އޮފިސަރުން ނަގާގޮތަށް އިމިގްރޭޝަންއިން ނިންމައިފި

Author
ހުސައިން
25 މެއި 2025 02:23
0

މޯލްޑިވްސް އިމިގްރޭޝަނުން އޮފިސަރ ޓްރެއިނީ މަގާމުތަކަށް ނެގުމަށް ބޭއްވި ވޯކް-އިން އިންޓަވިއުގައި އެތައް ސަތޭކަ މީހުން ބައިވެރިވެ، ދިގު ކިއުތަކެއް ހަދައި އެ ފުރުސަތު ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށް.ފިއެވެ

ފުރަތަމަ 50 މަގާމަށް މީހުން ނެގުމަށް ކުރި އިއުލާނާ ގުޅިގެން އިއްޔެ ގަލޮޅު ސްކޫލްގައި ބޭއްވި އިންޓަވިއުގައި 876 މީހުން ބައިވެރިވިއެވެ. ހެނދުނު 9 ގަޑިން ފެށިގެން ހަވީރު 5 ގަޑިއާ ހަމައަށް ކުރިއަށް ގެންދިޔަ މި އިންޓަވިއުތަކުގައި ގަލޮޅު ސްކޫލްގެ ދުވާރުމަތި ފުރިގެން ގޮސް، ބޭރުގައި ދިގު ކިއުތަކެއް އުފެދިފައިވިއެވެ.

މި މަގާމުތަކަށް އެދި ހުށަހަޅާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން، އިމިގްރޭޝަނުން ވަނީ އިތުރު 150 ޓްރެއިނީ އޮފިސަރުން ނެގުމަށް ނިންމާފައެވެ. އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ބުނި ގޮތުގައި، ޖުމްލަ 200 ޓްރެއިނީ އޮފިސަރުން ނެގުމަށް ޕްލޭން ކުރެވިފައިވާއިރު، އިތުރު މީހުން ނަގާނީ ހުއްދަ ލިބުމުންނެވެ.

ފުރަތަމަ ހަ ކްލާސްރޫމެއްގައި ހަ ޕެނަލަކުން ފެށި އިންޓަވިއުތައް، މީހުންގެ އަދަދު ގިނަވުމުން އިތުރު ތިން ޕެނަލް އިތުރުކޮށްގެން ކުރިއަށް ގެންދިޔައެވެ.

މި މަގާމުތަކުގެ މުސާރައަކީ 6,500 ރުފިޔާ ކަމަށްވާއިރު، ސާވިސް އެލަވަންސްގެ ގޮތުގައި 1,500 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ބޭސިކް ތަމްރީނު ނިންމާ މީހުންނަށް ސްޕެޝަލް ސާވިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ލިބޭނެއެވެ.

ވޯކް-އިން އިންޓަވިއުއަކީ ކުރިން ފޯމު ހުށަހަޅާކަށް ނުޖެހި، ސީދާ އިންޓަވިއު ތަނަށް ގޮސްގެން ކުރާ އިންޓަވިއުއެކެވެ. ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް މިފަދަ އިންޓަވިއުތައް ބާއްވާ ކަމަށް ފާހަގަކުރެވެއެވެ.

2022 ވަނަ އަހަރު ކުރި ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ 515,132 އަށް އަރާއިރު، 15 އަހަރުން މަތީގެ މަސައްކަތު އުމުރުގެ އާބާދީއަކީ 411,219 އެވެ. މަސައްކަތް ނުލިބި ތިބި މީހުންގެ އަދަދު 9,244 ކަމަށްވާއިރު، މިއީ ޖުމްލަ އާބާދީގެ 3 ޕަސެންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.