ގޭންގު ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނު ތަސްދީޤުކުރެއްވުމާއެކު، ޤާނޫނުގެ ބާރު ނުފޯރާ ގޮތަށް ގޭންގުތަކަށް ދެން ހަރަކާތްތެރިވެވޭނެ ތަނެއް ނޯންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، މި ޤާނޫނަކީ ރާއްޖޭގެ ކުށުގެ މާހައުލަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ޤާނޫނެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ޤާނޫނުގައި ވަނީ ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ގެންނަން ޖެހޭ ގިނަ ބަދަލުތައް ގެނެސް، ތަންފީޒީ އިދާރާތަކަށް ގިނަ ބާރުތަކެއް ލިބިދީފައެވެ.
ރާއްޖޭގައި ގޭންގު ކުށްތައް ހުއްޓުވުމަށް 2010 ވަނަ އަހަރުވެސް ޤާނޫނެއް ގެނެވުނު ނަމަވެސް، އެ ޤާނޫނުގައި ގޭންގުތަކަކީ ކޮބައިކަން ބުނެދެވިފައި ނުވުމުގެ ސަބަބުން އެއްވެސް މީހަކަށް ހުކުމް ނުކުރެވުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އައު ޤާނޫނުގައި މިފަދަ މައްސަލަތަކަށް ހައްލު ހޯދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ފަސޭހަ ބަދަލުތަކެއް ނޫން. ޚާއްސަ އިޖުރާޢަތްތަކެއް، ޚާއްސަ ބާރުތަކެއް ފުލުހުންގެ މުޢައްސަސާއަށް ދެވި، ކުށްތައް ވަކިގޮތަކަށް ކަނޑައަޅައި، މީގެ ތެރޭގައި މަޝްޣޫލުވެގެން އުޅޭ ވަރަށް ގިނަ ފަރާތްތަކަށް މިހާރު އެކުރަމުންދާ ކަންކަން ވަރަށް އުނދަގޫވާގޮތަށް، ނުކުރެވޭ ގޮތަށް މަގުފަހިކޮށްފައިވާ ބިލެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރެއްވީ،" ވަޒީރު އިހުސާން ވިދާޅުވިއެވެ.
އައު ޤާނޫނުގައި ގޭންގުތަކުގެ މާނަ ކަނޑައަޅައި، ގޭންގެއްގައި ހިމެނޭ މީހުން ކަނޑައެޅުމުގެ އިތުރުން، ކުށްތައް ހުއްޓުވުމުގެ މުހިންމު އިޖުރާޢަތްތައްވެސް ހިމަނާފައިވެއެވެ. ނުހައްޤު މުއްސަނދިކަން ހޯދުމާއި، ގޭންގު ކުށްތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ މައްސަލަތަކަށްވެސް ހައްލު ހޯދުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އަމާޒަކީ ކުށުގެ މާހައުލުން ކުޑަކުދިން ދުރުކޮށް، އަދަބު ދިނުމުގެ ބަދަލުގައި އެކުދިންނަކީ މުޖްތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑަށް ޤަބޫލުކުރެވެނީ މި މާހައުލުން ދުރަށްދާން، މިފަދަ ކަންކަމުގައި އުޅެވިފައި ތިބި ފަރާތްތައްވެސް ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ފަދަ ޤާނޫނެއް މިއޮތީ. އަދި އެކަން ދާނީވެސް އެހެންކަން އަޅުގަނޑުމެންނަށް ޔަޤީން ކުރެވޭ އެބަ،" ވަޒީރު އިހުސާން ވިދާޅުވިއެވެ.
ކުރިއަށް އޮތްތާނގައި ކުށްކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ލިބި، ޤާނޫނުގެ ބާރު ނުފޯރާ ގޮތަށް ކުށްކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވަޒީރު ޔަޤީންކަން ދެއްވިއެވެ. އަދި ފުލުހުން މިކަން ކަށަވަރު ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާނޫނު ތަންފީޒުވާން ފެށުމުން ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް ވަޒީރު އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ގޭންގު ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނަށް ޢަމަލުކުރަން ފަށާނީ ބިލު ތަސްދީޤު ކުރިތާ 3 މަސް ދުވަސް ފަހުންނެވެ.
ކޮމެންޓު ފޮނުވާ