ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 6.6 ބިލިޔަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް އެކްސްޕޯ 2025″ ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، 1990 ވަނަ އަހަރު 215 މިލިޔަން ޑޮލަރުގައި ހުރި ރާއްޖޭގެ އުފެއްދުންތެރިކަން މިހާރު ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައިކަމަށެވެ.
ދިވެހިރާއްޖޭގައި އުފެއްދުންތެރިކަމުގެ މައުރަޒެއް ފުރަތަމަ ބޭއްވުނީ 1944 ވަނަ އަހަރުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، 81 އަހަރު ފަހުން މިފަދަ މައުރަޒެއް ބާއްވާއިރު، މި ފަހަރުގެ މައުރަޒަކީ ވަރަށް ތަފާތު، ޚާއްސަ މައުރަޒަކަށް ވެގެންދާނެކަމަށެވެ.
މި މައުރަޒުގައި ފުރަތަމަ ފަހަރަށް ކްރިއޭޓިވް އިކޮނޮމީއަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ މި ސިނާއަތް ކުރިއަރުވަން ބޭނުންފުޅުވާ މިންވަރު ދައްކުވައިދޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް ތިބި ހިނދު، ކްރިއޭޓިވް އިކޮނޮމީ ރާއްޖޭގެ އިޤްތިޞާދުގައި މައިގަނޑު ދައުރެއް އަދާކުރާ ދާއިރާއަކަށް ހެދުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތަކީވެސް ކްރިއޭޓިވް އިކޮނޮމީ މެއިންސްޓްރީމް ކުރުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ވިޔަފާރިވެރިން އުފައްދާ މުދާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބާޒާރުތަކަށް ފަސޭހަކަމާއެކު ވިއްކޭނެ ނިޒާމެއް ޤާއިމުވެގެންދާނެކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، އެހެން ސިނާއަތްތައްވެސް ތަރައްޤީކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ސަބަބުން އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ވަޒީރު އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ވައުދުވެވަޑައިގެންނެވި ކަންކަން ތަންފީޒުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކެއްކަމަށްވެސް ވަޒީރު މުޙައްމަދު ސައީދު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ