ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަމާޒުކޮށްގެން ދައުލަތަށް ދުންފަތުގެ ބާވަތްތަކުން ލިބޭ އާމްދަނީ ބޭނުންކުރާނީ ހަމައެކަނި ހޭލުންތެރިކުރުމުގެ މަސައްކަތްތަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި "ޖެނެރޭޝަން ބޭން" ތަޢާރަފުކުރުމަށްޓަކައި ދުންފަތާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުތައް ތަސްދީޤުކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދުންފަތުން ޑިއުޓީ ބޮޑުކުރުމުގެ މަޤްޞަދަކީ ދައުލަތަށް އާމްދަނީ އިތުރުކުރުން ނޫން ކަމަށެވެ.
"އަޅުގަނޑުމެން ނުވިސްނަން އާމްދަނީ ހޯދާކަށް. ދުންފަތުން ލިބޭ އާމްދަނީވެސް ހޭދަކުރާނީ އާންމު ޞިއްޙަތު ކުރިއެރުވުމަށާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް. ދުންފަތް އެއްކޮށް މަނާ ނުކުރާހާ ހިނދަކު ލިބޭ އެއްޗެއް އެއީ. މި ދާއިރާއިން އާމްދަނީ ހޯދާކަށް އަޅުގަނޑުމެން ނުވިސްނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ސަރުކާރުން ފާސްކުރި އިސްލާހުގެ ދަށުން 2007 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ މަނާކޮށްފައެވެ. އަދި މި ޖީލުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން، ވެންޑިން މެޝިނުތަކުން ނުވަތަ އޮންލައިންކޮށް ނުވަތަ ޕޯސްޓް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުންވެސް މަނާކޮށްފައިވާއިރު، ދުންފަތުގެ ބާވަތެއް ގަންނަނީ 21 އަހަރުން މަތީގެ އަދި 2007 ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
"ޖެނެރޭޝަން ބޭން" ތަންފީޒުކުރަން ފަށާނީ މިއަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެންނެވެ.
ކޮމެންޓު ފޮނުވާ