މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަނަށް މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިތުރު ފުރުޞަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، މި އިތުރު ފުރުޞަތު ހުޅުވާލަން ޖެހުނީ ކުރިން ކުރިމަތިލާފައިވާ ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓަކު އެމީހުންގެ ނަން އަނބުރާ ގެންދިޔުމާ ގުޅިގެންނެވެ.
މީޑިއާ ކައުންސިލްގައި މިވަގުތު ހުސްވެފައިވަނީ ތިން މަޤާމެވެ. އެއީ އާންމު މެންބަރެއްގެ މަޤާމަކާއި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ މަޤާމެވެ.
މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ފަދަ ޝަރުޠުތައްވެސް ހިމެނިފައިވެއެވެ.
ކުރިން މެންބަރުކަމަށް ކުރިމަތިލުމަށް އެދި ފޯމާއި ލިޔުންތައް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން މެންބަރުކަމަށް ކުރިމަތިލާކަށް ނުޖެހޭނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި މަޤާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ. އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ޕީޑީއެފް ފޯމެޓުގައި މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ފޮނުވަންޖެހޭނެއެވެ.
ކޮމެންޓު ފޮނުވާ