މާލެ (20 މެއި 2025) – މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން 164 އެސިސްޓެންޓް އޮފިސަރުންގެ މަޤާމަށް މީހުން ހޯދުމަށް އިޢުލާން ކުރައްވައިފިއެވެ. މި މަޤާމުތަކަށް ކުރިމަތިލެވޭނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތްތަކަށް ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.
އެސިސްޓެންޓް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ޖީ.ސީ.އީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދާއިން ދަށްވެގެން 'ޑީ' ފާހެއް ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން ހިމެނެއެވެ. އަދި ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވުން ވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާ ލިބޭނެއެވެ. އަދި ނަން ޕްރެކްޓިސިންގ އެލަވަންސްގެ ގޮތުގައި 1،750 ރުފިޔާއާއި، ސަރވިސް އެލަވަންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ، އަދި ކޮއްތު ފައިސާގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 60 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މިނިމަމް ވޭޖް އެލަވަންސް އަދި ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އިތުރު ގަޑީގެ ފައިސާއާއި، ބަންދު ފައިސާ އަދި އެހެނިހެން އިނާޔަތްތައް ލިބޭނެ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
ކަސްޓަމްސްއިން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ހުރިހާ އިނާޔަތްތަކާއެކު އެވަރެޖްކޮށް މަހަކު 14،000 ރުފިޔާއާ ހަމައަށް ލިބޭނެއެވެ. މި މަޤާމުތަކަށް ހޮވޭ ފަރާތްތަކުން ވަޒީފާ އަދާކުރަންޖެހޭނީ މާލެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަށް ކަސްޓަމްސްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 31 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ