ކަނޑުމަގުން 80 – ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރަނިކޮށް ހައްޔަރުކުރެވުނު ސ. ހިތަދޫ، ފިނިފަރު، އަބްދުﷲ އިބްރާހީމް (އަބޫޗާ) 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަޝްހޫރު ނަމުން އަބޫޗާ ކަމަށް އެނގިފައިވާ މި 38 އަހަރުގެ ފިރިހެނާގެ މައްޗަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދެ ދައުވާއެއް އުފުލިފައިވެއެވެ. އަބޫޗާ މި ދައުވާތަކަށް އިއުތިރާފުވެ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ އެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ކޯޓުން ބުނެފައިވެއެވެ.
ކޯޓުގެ މަޢުލޫމާތުގައިވާ ގޮތުން، އަބޫޗާގެ މައްޗަށް އުފުލުނު ދެ ދައުވާގެ ކުށުގެ އަދަބަކީ ޖުމްލަ 50 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން، އޭނާގެ އަދަބު 25 އަހަރަށް ލުއިކޮށްދީފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އަބޫޗާ ބަންދުގައި ހުރި 4 އަހަރުގެ މުއްދަތު ޖަލު ޙުކުމުން އުނިކުރުމަށްފަހު، ދެން ތަންފީޒުކުރަންޖެހެނީ 21 އަހަރުގެ މުއްދަތެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި އަބޫޗާ ހައްޔަރުކުރެވުނީ 4 އޮކްޓޯބަރު 2020 ގައި، އޭނާ ޑިންގީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަނިކޮށް ފުލުހުން ކަނޑުމަތިން ހުއްޓުވަން މަސައްކަތްކުރުމުންނެވެ. އެވަގުތު އަބޫޗާ ކަނޑަށް ގޯނިތަކެއް އުކާލި ނަމަވެސް، ފުލުހުން ކަނޑަށް ފުންމައިގެން އެތަކެތި ނަގައި އަބޫޗާ ބަންދުކުރިއެވެ.
ހައްޔަރުކުރެވުނު ދުވަހުން ފެށިގެން އެއްއަހަރުވެސް ހަމަނުވަނީސް، 30 ނޮވެމްބަރު 2020 ގައި އަބޫޗާގެ މައްޗަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ ކުރުމަށްފަހު ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ