ރާއްޖެ އެތެރެކުރަން އުޅުނު 2.5 މިލިއަން ރުފިޔާގެ އަގުހުރި ކޮކެއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް ސަރވިސްއިން ބުނެފައިވަނީ މި އަހަރު އޭޕްރީލް 27 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޕެކޭޖަކުން 1 ކިލޯއަށްވުރެ ގިނަ މިންވަރެއްގެ ކޮކެއިން އަތުލައިގަނެވިފައިވެއެވެ.
ރާއްޖެއަށް އެތެރެކުރެވުނު އެ ޕެކޭޖް ޝައްކުވެގެން ހަދާލި ޓެސްޓުތަކުން ކޮކެއިންއަށް ޕޮޒިޓިވްވެފައިވާކަމަށާއި، ފެކިންއާއެކު ބަރުދަނުގައި 1،020 ގްރާމް ހުރި މި މަސްތުވާތަކެތީގެ މަގުމަތީ އަގު 2.5 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ، މި ތަކެތި ރާއްޖެއަށް އެތެރެކުރަން މަސައްކަތްކޮށްފައިވަނީ ކުރިއާ މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖެއް މެދުވެރިކޮށް ކަމަށެވެ. އެ ޕެކޭޖް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ވަނީ ފެނިފައެވެ.
ކަސްޓަމްސްއިން މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވައިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައިނުވިޔަސް، މި ޕެކޭޖް އެތެރެކުރުމަށް މަސައްކަތްކުރި ފަރާތް ހޯދުމަށް ތަޙުޤީޤު ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ