މާލެ (19 މެއި 2025) – ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ. މި އިޞްލާޙާއެކު ކުޅިވަރުގެ ހަރަކާތްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހިންގައި، މުޅި ރާއްޖެ ޝާމިލުވުން އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބިލު ތަސްދީޤުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވީ، "ރާއްޖޭގައި ރައްޔިތުން އެކި ރަށްރަށުގައި ދިރިއުޅެމުންދާއިރު، މައިގަނޑު ގޮތެއްގައި ވެފައި މި އޮންނަ ގޮތަކީ، ގައުމީ ޓީމުތަކަށް މާލެއާއި މާލެ ސަރަހައްދުގައި ދިރިއުޅޭ ކުޅުންތެރިންނަށް މި ފުރުސަތު ލިބިގެންދަނީ" ކަމަށެވެ.
"އެހެންވީމާ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޅިވަރު ހަރަކާތްތައް ހިންގުން ކަށަވަރުވެގެންދޭ. އެގޮތުން ބަލާއިރު، ސަރަހައްދީ ކުޅިވަރު ތަކުގެ އެސޯޝިއޭޝަންތައް އުފެދިގެންދާނެ، ގާނޫނުގެ ތެރެއިން، އެކި ކުޅިވަރުތަކުގެ ތެރެއިން. ކޮންމެ ކުޅިވަރެއްގެވެސް އެކި ސަރަހައްދީ އެސޯސިއޭޝަންތައް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުޅިވަރު ހަރަކާތްތައް ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިންގަން ފެށުމުން، ކުޅިވަރު ކުޅުމާއި، ކުޅުންތެރިން އުފެއްދުމާއި، އެ ކުޅުންތެރިން ފާހަގަކުރެވިގެން ދާނެ ކަމަށެވެ. އަދި މުޅި ރާއްޖެއިން ޤައުމީ ޓީމުތަކަށް ކުޅުންތެރިން ހޮވޭނެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުޅިވަރު ޤާނޫނުގެ އިޞްލާޙާއެކު އަންނާނެ ބަދަލުތައް:
- ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުރިއަރުވުމަށް އިޚްތިޔާރުތަކާއި ފުރުޞަތުތައް ލިބުން
- އެކި ސަރަޙައްދުތަކުގައި ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ އެސޯސިއޭޝަންތައް އުފެއްދުން
- ކުޅިވަރުގެ ވަކި ފަންޑެއް ޤާއިމުކޮށް، އެ ފަންޑުން ކުޅިވަރު ކުރިއަރުވަން ހޭދަކުރުން
- ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ލިބިފައިވާ ކުޅިވަރުގެ އިދާރާއެއްގޮތުގައި ހަމަޖެއްސުން
- ކުޅިވަރު އެސޯސިއޭޝަންތަކުގައި މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީގެ ދަށުން ހިނގާ ޚާއްޞަ ޑިވިޝަންތައް އުފެއްދުން
- "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" ވަކި މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ހިންގުން
- ސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ރާއްޖޭގައި ޤާއިމުކުރުން
- ’އިންޓަރ ސްކޮލަރސްޓިކް' ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތައް އުފައްދައި ހަރަކާތްތެރިވުން
ކުޅިވަރު ޤާނޫނަށް ގެނެވުނު މި އިޞްލާޙަކީ ރާއްޖޭގައި ހުރިހާ ސަރަޙައްދެއްގައި ކުޅިވަރު ކުރިއެރުވުމަށާއި ޒުވާނުންނަށް ހުރިހާ ކަންކޮޅުތަކުން ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
ކޮމެންޓު ފޮނުވާ