އިސްރާއީލުގެ ޣައްޒާގެ ހަމަލާތަކަށް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އިސްރާއީލުގެ ޣައްޒާގެ ހަމަލާތަކަށް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

Author
ހުސައިން
19 މެއި 2025 12:13
0

ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިއަދު އެކަނިވެސް މި ހަމަލާތަކުގައި 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާކަމަށް ފޮރިން މިނިސްޓްރީގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި، އިސްރާއީލުގެ މި ޢަމަލުތަކަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާއި އަދި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ސީދާ ޚިލާފު ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

"އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓާލަންޖެހޭ" ކަމަށް ބުނެ، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، އިސްރާއީލްގެ ޢަމަލުތަކަށް ޖަވާބުދާރީވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މި ހަނގުރާމައަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައެވެ.

މި ހަމަލާތަކުގައި ކުށެއްނެތް އާންމު ރައްޔިތުން މަރުވަމުންދާތީ ދިވެހި ސަރުކާރުން ވަނީ ފުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށްވެސް އިޢުލާނުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.