ޤައުމުގެ އާމްދަނީ އިތުރުކުރުމަށް ދުނިޔެއަށް އަންނަމުންދާ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ބޭނުން ހިފަންޖެހޭ: ރައީސް

ޤައުމުގެ އާމްދަނީ އިތުރުކުރުމަށް ދުނިޔެއަށް އަންނަމުންދާ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ބޭނުން ހިފަންޖެހޭ: ރައީސް

Author
ހުސައިން
17 މެއި 2025 01:15
0

ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ ކުރިއަރުވައި، ޤައުމުގެ އާމްދަނީ އިތުރުކުރުމަށް ދުނިޔޭގައި އަންނަމުންދާ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ބޭނުން ހިފަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

މުވާސަލާތީ ދާއިރާގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް ކުރެއްވި ޚާއްޞަ ޕޯސްޓެއްގައި، އެ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ތަހުނިޔާ ފޮނުއްވައި، އިތުރު ކާމިޔާބީތަކަށް އެދިވަޑައިގެންނެވިއެވެ.

"މުއާޞަލާތީ ދާއިރާގެ އާ ކުރިއެރުންތަކަކީ ދިވެހިރާއްޖޭގެ ކުރިމަގު ބިނާކުރުމަށް ނުހަނު މުހިންމު ވަސީލަތެއް. އެގޮތުން ޑިޖިޓަލް އިޤްތިޞާދު ފުޅާކޮށް، ރާއްޖެ ދުނިޔޭގެ ޑިޖިޓަލް މާކެޓަށް ނެރުމަކީ އަޅުގަނޑުމެންގެ އަމާޒު،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ޕޭމަންޓް ޙިދުމަތްތައް ތަޢާރަފުކުރުމުގެ ގޮތުން ފާއިތުވި މާރިޗު މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ޑިޖިޓަލް ވޮލެޓުތައް މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރެވޭނެ ގޮތް ހަމަޖައްސާފައެވެ. އަދި އީ-ވޮލެޓުގެ ޚިދުމަތް ޤައުމީ ފެންވަރުގައި ތަޢާރަފުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ބޮޑެތި ބައިނަލްއަޤްވާމީ ކުންފުނިތަކުގެ ސްޓޮކްތައް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ގަނެވިއްކޭނެ ނިޒާމެއް ޤާއިމުކުރުންވެސް ހިމެނެއެވެ. މީގެ އިތުރުން ފޮރެކްސް ޓްރޭޑިންގ އަދި ކްރިޕްޓޯކަރެންސީ ޕްލެޓްފޯމްތަކަށް ދިވެހިންނަށް ފަސޭހައިން އެކްސެސް ލިބޭނެ ގޮތް ހަދައިދިނުމަށްވެސް ސަރުކާރުން ވަނީ ވަޢުދުވެފައެވެ.

މުވާސަލާތާއި މަޢުލޫމާތުގެ ދާއިރާގެ ބައިނަލްއަޤްވާމީ ދުވަސް ކޮންމެ އަހަރެއްގެ މެއި 17 ވަނަ ދުވަހު ދުނިޔޭގެ އެކި ޤައުމުތަކުގައި ފާހަގަކުރެއެވެ. މިއަހަރުގެ މި ދުވަހުގެ ޝިޢާރަކީ "ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ތަރައްޤީ ހާސިލުކުރުން" އެވެ.

ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް ބަލާއިރު ފާއިތުވި އަހަރުތަކުގައި އިންޓަރނެޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ޑިޖިޓަލް ހިދުމަތްތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް ސައިބަރ ސެކިއުރިޓީއާއި ޑޭޓާ ޕްރޮޓެކްޝަންގެ ދާއިރާއިން އިތުރަށް މަސައްކަތްކުރަން ޖެހޭކަމަށް ދާއިރާގެ މާހިރުން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.