ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، ކައުންސިލްތަކުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްފަހު އެ ފަރާތްތައް މަޤާމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް މިއަހަރު ޤާނޫނަށް އިޞްލާޙު ގެނައުމަށް ބިލެއް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައިވަނީ އިއްޔެ ބޭއްވުނު "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުންނެވެ. މިހާރު ކައުންސިލް މެންބަރުންނާއި މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މީހުން އިންތިޚާބުކުރުމަށްފަހު، އެ މަޤާމުތަކުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ހުށަހަޅާ އިޞްލާޙުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބޭނުންވާނަމަ، އެ ފަރާތްތައް މަޤާމުން ވަކިކުރެވޭނެ ގޮތަށް ހަމަޖެއްސުމަށް ވިސްނަނީ. މިއީ ކައުންސިލް މެންބަރުން، މަޖިލިސް މެންބަރުން އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކަށްވިޔަސް ރައްޔިތުންގެ ބާރު ފޯރުވޭނެ ގޮތަށް ކަނޑައެޅޭ އުސޫލެއް،" ރައީސް ވިދާޅުވިއެވެ.
މިހާރު އޮތް ގޮތުން އިންތިޚާބުކުރެވޭ ފަރާތްތަކުން ނޭދެވޭ ޢަމަލެއް ކުރިކަމުގައިވިޔަސް، ދައުރު ނިމެންދެން އެ މަޤާމުގައި ތިބެންޖެހުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލެވޭ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ނިޒާމުގައި އެކަށީގެންވާ ޗެކް އެންޑް ބެލެންސް ނެތްކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ހުށަހަޅުއްވާ މި ބިލު ފާސްވެއްޖެނަމަ، އިންތިޚާބީ މަޤާމުތަކުގައި ތިބޭ ފަރާތްތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ހާލަތެއްގައި، ވޯޓަކުން އެ ފަރާތްތައް މަޤާމުން ވަކިކުރުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ލިބިދޭނެއެވެ. މިފަދަ ބަދަލަކުން ދިވެހިރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
ކޮމެންޓު ފޮނުވާ