ޚިޠާބުގައި ބަޔާންކޮށްދިނީ މާޒީގެ ޙާލަތާއި ކުރިއަށް އޮތް ރޭވުންތައް: ރައީސް

ޚިޠާބުގައި ބަޔާންކޮށްދިނީ މާޒީގެ ޙާލަތާއި ކުރިއަށް އޮތް ރޭވުންތައް: ރައީސް

Author
އަހުމަދު
30 ޖުލައި 2026 11:40
0

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ޚިޠާބު ބައްޓަންކުރެއްވީ މާޒީގައި ކަންހިނގާފައިވާ ގޮތާއި، އެ ކަންކަން އިޞްލާޙުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، މުސްތަޤުބަލުގެ ޕްލޭންތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީ.އެސް.އެމް ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ދުވަހުގެ ޚިޠާބާ ގުޅިގެން އަމާޒުވި ފާޑުކިޔުންތައް ބައްލަވައިގަންނަވާ ކަމަށާއި، ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުޙަބާ ވިދާޅުވާ ކަމަށެވެ. އެ ޚިޠާބުގައި މާޒީގެ ޙާލަތު ބަޔާންކޮށްދެއްވީ، މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ކަންކަން ރައްޔިތުންނަށް ސާފުކޮށްދެއްވުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިނިވަން ދުވަހު އަޅުގަނޑުގެ ވާހަކަފުޅު ބިނާކުރީ، މާޒީގައި ކަން ހިނގާފައި އޮތް ގޮތާއި، އަޅުގަނޑުމެން އެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ގޮތާއި، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ކަންކަން ޕްލޭންކުރެވިފައި އޮތް ގޮތް ބަޔާންކޮށްދިނުމުގެ މައްޗަށް،" ރައީސް ވިދާޅުވިއެވެ.

ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ޚިޠާބުގައި ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ޤައުމެއްގެ މިނިވަންކަމާއި އެ ޤައުމެއްގެ ޚާރިޖީ ސިޔާސަތަކީ އެކަތި އަނެކައްޗާ ގުޅި ލާމެހިފައިވާ ދެ ކަމެއް ކަމަށެވެ. އެހެންކަމުން، މިނިވަން ދުވަހުގެ ޚިޠާބުގައި ޚާރިޖީ ސިޔާސަތުގެ ވާހަކަ ތަފްޞީލުކޮށް ގެންނެވީ އެ ގުޅުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ވަނީ، ޚިޠާބުގައި މި ސަރުކާރުގެ ސިޔާސަތުތަކާއި ކުރީގެ ބައެއް ސަރުކާރުތަކުން ޚާރިޖީ ބައެއް މައްސަލަތަކުގައި ގެންގުޅުނު ސިޔާސަތުތައް އަޅާކިޔުއްވިކަން ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި އެމް.ޑީ.ޕީގެ ސަރުކާރުތަކުން އިސްރާއީލާއި ފަލަސްޠީނުގެ މައްސަލައާއި، ރާއްޖޭގެ ދެކުނުން ކަނޑުގެ ބައެއް ދޫކޮށްލުން ފަދަ ކަންކަމުގައި ގެންގުޅުނު ސިޔާސަތުތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.