ބީއެމްއެލް އަށް ފުރަތަމަ ހަ މަހު 1.3 ބިލިއަން ރުފިޔާގެ ފައިދާއެއް، ކުރީ އަހަރަށް ވުރެ 21 ޕަސެންޓް އިތުރު

ބީއެމްއެލް އަށް ފުރަތަމަ ހަ މަހު 1.3 ބިލިއަން ރުފިޔާގެ ފައިދާއެއް، ކުރީ އަހަރަށް ވުރެ 21 ޕަސެންޓް އިތުރު

Author
އަހުމަދު
30 ޖުލައި 2026 11:43
0

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 1.3 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ. މިއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 21 ޕަސެންޓްގެ ކުރިއެރުމެކެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި، މި މުއްދަތުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވެ އެވެ. އަދި ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 1.6 ބިލިއަން ރުފިޔާ އަކީ އިންޓްރެސްޓުން ލިބުނު އާމްދަނީ އެވެ. ފީ އާއި ކޮމިޝަންގެ ގޮތުގައި އިތުރު 830 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ބޭންކްގެ ޖުމްލަ އާމްދަނީއާ އަޅާ ބަލާއިރު ހިންގުމުގެ ހަރަދު ހިފެހެއްޓިފައި ހުރީ އެންމެ 28 ޕަސެންޓްގައި ކަމަށް ވެސް ބޭންކުން ބުނެ އެވެ.

ބޭރުގެ މާލީ ނިޒާމަށް އަންނަ ބަދަލުތަކާއި ދިމާވަމުންދާ ގޮންޖެހުންތަކާ އެކު ވެސް މި ކުރިއެރުން ދެމެހެއްޓިފައި ވަނީ، ރިސްކު މެނޭޖްކުރުމުގައި ބޭންކުން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި، ހިންގުން ހަރުދަނާކުރުމަށް ދެމުންދާ އިސްކަމުގެ ސަބަބުން ކަމަށް ބީއެމްއެލް އިން ސިފަކުރެ އެވެ.

ބޭންކްގެ މާލީ ހާލަތު ވެސް ދަނީ ވަރުގަދަވަމުންނެވެ. ފުރަތަމަ ހަ މަހުގެ ނިޔަލަށް ބޭންކްގެ ޖުމްލަ އެސެޓް 62.8 ބިލިއަން ރުފިޔާއަށް އަރައި، ޑިޕޮސިޓް ފައިސާގެ ޖުމްލަ 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. ބޭންކްގެ ޖުމްލަ ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް ބޮޑުވެފަ އެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި އިގްތިސާދުގެ މުހިއްމު ދާއިރާތަކަށް ބޭންކުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ދައްކުވައިދޭ ގޮތެއްގައި، ފާއިތުވި ހަ މަހުގެ ތެރޭގައި އެކަނި ވެސް ބީއެމްއެލް އިން ވަނީ އަށް ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.