ފ. ނިލަންދޫން ފުރައިގެން ދ. މީދޫއަށް ދަތުރުކުރަނިކޮށް ކަނޑުގަދަވުމުގެ ސަބަބުން ހާލުގައި ޖެހުނު ލޯންޗެއް، އޭގައި ތިބި 15 މީހުންނާއެކު ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 15:50 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ވަގުތުން ފުލުހުންގެ ލޯންޗެއްގައި ހަރަކާތްތެރިވާން ފެށިއެވެ.
ދ. ފުށިކަނޑު ސަރަހައްދުން އެ ލޯންޗު ފެނުމާއެކު، ފުލުހުން ވަނީ އޭގައި ތިބި އެންމެން ސަލާމަތުން ނިލަންދޫއަށް ގެންގޮސްދީފައެވެ. ލޯންޗު ހާލުގައި ޖެހެން މެދުވެރިވީ ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ.
ސަލާމަތްކުރި މީހުންގެ ތެރޭގައި ހިމެނެނީ 12 ފަސިންޖަރުންނާއި ތިން ފަޅުވެރިންނެވެ. ފަސިންޖަރުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި، ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމުގެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުގައި ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ބެލުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ