ޕީޕީއެމްގެ ކުރީގެ ގިނަ އަދަދެއްގެ ސެނެޓަރުން ޕީއެންސީއާ ގުޅިއްޖެ

ޕީޕީއެމްގެ ކުރީގެ ގިނަ އަދަދެއްގެ ސެނެޓަރުން ޕީއެންސީއާ ގުޅިއްޖެ

Author
ހުސައިން
16 މެއި 2025 11:13
0

ކުރީގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓަރުންގެ ގޮތުގައި މަސައްކަތްކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުން ރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ރަސްމީކޮށް ގުޅިވަޑައިގެންފިއެވެ.

އެ ޕާޓީގެ ފަރާތުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ޕީޕީއެމް އުވިގެން ދިޔައިރު އެ ޕާޓީގެ ސެނެޓް މެންބަރުންގެ ތެރެއިން ގިނަ ބޭފުޅުންތަކެއް ރޭ ބޭއްވުނު ރަސްމިއްޔާތުގައި ޕީއެންސީއާ ރަސްމީކޮށް ގުޅިވަޑައިގެންފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ޕީޕީއެމް އުވާލަން ނިންމީ މިދިޔަ އަހަރުގެ ޑިސެންބަރު 2 ވަނަ ދުވަހު އެ ޕާޓީގެ ސެނެޓުންނެވެ. އޭގެ ފަހުން، އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ޕީޕީއެމް އުވާލައި، އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވަނީ މިއަހަރުގެ ޖަނަވަރީ 30 ވަނަ ދުވަހު އުނިކޮށްފައެވެ.

ސިޔާސީ މަޝްރަޙުގައި ދިމާވި މި ބޮޑު ބަދަލާ ގުޅިގެން، ޕީޕީއެމްގެ އާންމު މެންބަރުންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ މެންބަރުން ޕީއެންސީއާ ވަނީ ގުޅިފައެވެ. މިހާރު ޕީއެންސީގެ ޖުމްލަ މެންބަރުންގެ އަދަދު 70,000އާ ކައިރިވެފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.