ފުލުހުންގެ އޮޕަރޭޝަނެއްގައި ދެ ކިލޯއާ ގާތްކުރާ މަސްތުވާތަކެތި އަތުލައިގަނެ ހަ މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގައި ދެ ކިލޯއާ ގާތްކުރާ މަސްތުވާތަކެތި އަތުލައިގަނެ ހަ މީހަކު ހައްޔަރުކޮށްފި

Author
ހުސައިން
15 މެއި 2025 10:35
0

ފާއިތުވި ދެ ދުވަހު ޑްރަގް އެންފޯސްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއިން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ދެ ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގަނެ، ހަ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލެއިން ޖުމްލަ ހަތް ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ހެރޮއިން، މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭ ގޮތަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 1943.76 ގްރާމްގެ ތަކެތި ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން، ޖުމްލަ 1.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަން ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

"ކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، މޫންޝައިން ކެނަބިސް ބުއިންތަކާއި ފްލޭވާ ކުރެވިފައިވާ ތެޔޮ ވެސް އަތުލައިގެންފައިވާނެ. އަދި 90,000 ރުފިޔާއަށްވުރެ ގިނަ ފައިސާއާއި 3,605 އެމެރިކާ ޑޮލަރުގެ އިތުރުން 6 މޯބައިލް ފޯނު އަދި 2 ލެޕްޓޮޕް ވެސް ތަޙުޤީޤަށް ނެގިފައިވާނެ،" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ގއ. ދާންދޫ / ބޯގަންވިލާގެ ހަސަން އަލީ (26)، ޅ. ކުރެންދޫ / މެދުރިގެ، މުހައްމަދު އަލީޝް އަހުމަދު (28)، ހދ. ނޮޅިވަރަންފަރު / ސާރާޒް، ވަލީދު މުހައްމަދު (26)، ސ. ފޭދޫ / ފެނިގެއްލިދާގެ، ޖައިލަމް މުހައްމަދު ޒަކީ (28)، ފ. ދަރަނބޫދޫ / ނާރެސް، ޝަޔާން އިސްމާއިލް ވަހީދު (18) އަދި އއ. ތޮއްޑޫ / ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21) ހިމެނެއެވެ.

ކްރިމިނަލް ކޯޓުން ނިންމާފައިވާ ގޮތުގައި، ޖައިލަމް މުހައްމަދު ޒަކީ ފަސް ދުވަހަށް، އިބްރާހީމް މައިޝަމް އަދި ޝަޔާން އިސްމާއިލް ވަހީދު 10 ދުވަހަށް، އަދި ހަސަން އަލީ، މުހައްމަދު އަލީޝް އަދި ވަލީދު މުހައްމަދު 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ނިންމާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.