ރައްޔިތުންގެ މަޖިލީހުން މިއަދު ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު އިތުރު އިސްލާހުތަކާއެކު ވަނީ ފާސްކޮށްފައެވެ. މި ބިލު ފާސްކުރެވުނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލު ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ރޭ ބޭއްވި ބައްދަލުވުމުގައި، ބިލަށް ގެނެވުނު މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ބަންޑާރަ ނައިބު އޮފީހުގެ މަޤާމުތަކުގެ އޮނިގަނޑު ކަނޑައެޅުމުގެ ބާރު ބަންޑާރަ ނައިބަށް ދިނުމާއި، ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަޤާމަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ އުސޫލުތައް ހިމެނިފައިވެއެވެ.
މީގެއިތުރުން، މުވައްޒަފުންގެ ވަޒީފާއާ ބެހޭ ގަވާއިދު ހިމެނޭ ފަރާތްތައް ބަޔާންކުރުމާއި، ވަކި މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުން މުސްކުޅިކުރުމުގެ އުސޫލުތަކަށްވެސް އިސްލާހު ގެނެވިފައިވެއެވެ.
އިސްލާހު ގެނެވުނު ބިލުގައިވާ ގޮތުން، ބަންޑާރަ ނައިބުގެ އޮފީހުގައި ވިހި އަހަރު ދުވަހު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ހާއްސަ ގަވައިދަކުން ރިޓަޔަރ ކުރެވޭނެއެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުގައި ދިހަ އަހަރު ދުވަހު ޚިދުމަތްކުރުމާއެކު، ދައުލަތުގެ އެހެން އިދާރާއެއްގެ ވަޒީފާގައި ޚިދުމަތްކުރި މުއްދަތު ޖުމުލަ ވިހި އަހަރު ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ފުރިހަމަކޮށްފައިވާ މުވައްޒަފުންނަށްވެސް މި ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔަރމަންޓް ގަވާއިދުގައި ބަޔާންކުރާ ޚިދުމަތުން މުސްކުޅިކުރުމުގެ އިނާޔަތާއެކު ވަޒީފާއިން މުސްކުޅިކުރެވިދާނެއެވެ.
ކޮމެޓީން މި ބިލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ބިލުގެ 15 ވަނަ މާއްދާ އުނިކުރުންވެސް ހިމެނެއެވެ. މި ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދުގެ މަޖިލިސް ޖަލްސާގައި އިއްވުމަށްފަހު، މަޖިލީހުގެ މެންބަރުން ވަނީ މި ބިލު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ