މިދިޔަ އަހަރު ކުޑަކުދިންނާ ގުޅޭ 2050 މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުނު

މިދިޔަ އަހަރު ކުޑަކުދިންނާ ގުޅޭ 2050 މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުނު

Author
ހުސައިން
15 މެއި 2025 05:59
0

2024 ވަނަ އަހަރު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންނާ ގުޅޭ 2050 މައްސަލަ ހުށަހެޅިފައިވާކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 359 މައްސަލައަކީ އާއިލީ މައްސަލަތަކެވެ. މީގެތެރޭގައި ބެލެނިވެރިކަމުގެ މައްސަލަތަކާއި، ހަޟާނާތު ނުވަތަ ދަރިންނާ ބައްދަލުނުވުމާއި ޚަރަދު ނުދިނުމުގެ މައްސަލަތައް ހިމެނެއެވެ. އަދި 270 މައްސަލައަކީ އިހުމާލުގެ މައްސަލަތައްކަމަށް ވުޒާރާއިން މައުލޫމާތު ދެއްވިއެވެ.

މީގެއިތުރުން، ކުދިންގެ ހެދިބޮޑުވުމާއި އިޖުތިމާއީ ކަންކަމާ ގުޅޭ 12 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާނުލާ ބެލެހެއްޓުމާ ގުޅޭ 40 މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. އަދި ވަންނާނެ ތަނެއް ނެތުމުގެ ދެ މައްސަލަވެސް ވުޒާރާއަށް ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ.

އިޖުތިމާއީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކަކީ ހަޟާނާތުގެ މައްސަލަތަކާއި، އިހުމާލުވުމާއި، އެކިބާވަތުގެ އަނިޔާކުރުމުގެ އިތުރުން މައިންބަފައިން ދަރިން ނުބެލެހެއްޓުމުގެ މައްސަލަތަކެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، މި މައްސަލަތަކާ ގުޅިގެން އަނިޔާ ލިބޭފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މީގެތެރޭގައި އާއިލާތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖްތިމާއީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މީޑިއޭޝަން ސެޝަންތައް ބޭއްވުމާއި މުޖުތަމައު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމާއި އަނިޔާއިން ކުޑަކުދިން ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކާއި މުޖުތަމައުގެ ފަރާތްތަކުން އެއްބާރުލުން އިތުރުކުރުމަކީ މިވަގުތު އެންމެ މުހިންމު ކަމެއް ކަމުގައި ވުޒާރާއިން ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.