ގޭންގު ކުށްތަކަށް 25 އަހަރުގެ ޖަލު ހުކުމާއި 10 މިލިއަންގެ ޖޫރިމަނާ އަންނަ ބިލް މަޖިލީހުން ފާސްކޮށްފި

ގޭންގު ކުށްތަކަށް 25 އަހަރުގެ ޖަލު ހުކުމާއި 10 މިލިއަންގެ ޖޫރިމަނާ އަންނަ ބިލް މަޖިލީހުން ފާސްކޮށްފި

Author
ހުސައިން
15 މެއި 2025 05:57
0

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި "ގޭންގު ކުށް" ނުވަތަ އިންތިޒާމުވެގެން ހިންގާ ކުށްތަކަށް 25 އަހަރުގެ ޖަލު ހުކުމާއި 10 މިލިއަން ރުފިޔާގެ ޖޫރިމަނާގެ އަދަބު ދޭ ބިލް ވަނީ 55 މެންބަރުންގެ ވޯޓާއެކު ފާސްކޮށްފައެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުދީފައިނުވާއިރު، ވަކި ކޮޅަކަށް ވޯޓުނުދެއްވާ 11 މެންބަރުން ތިއްބެވިއެވެ.

ކޯޓު އަމުރެއް ނެތި ފުލުހުންނަށް ގިނަ ބާރުތަކެއް ލިބޭގޮތަށް ފަރުމާކޮށްފައިވާ މި ބިލަކީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" އެވެ. އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 10 މިލިއަން ރުފިޔާއާއި ތިން މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މި ބިލުގައި ހިމެނޭ އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތަކުގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި، މީހުން ޓްރެފިކްކުރުމާއި، ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުން ހިމެނެއެވެ. އަދި ނުރައްކާތެރި ކުށްތަކުގެ ގޮތުގައި މީހަކު މަރާލުމާއި، ނުރައްކާތެރި މާރާމާރީ ހިންގުމާއި، ބޮޑެތި ޖިސްމާނީ އަނިޔާދިނުމާއި، ކިޑްނެޕްކުރުމާއި، ބިރުދެއްކުންފަދަ ކުށްތައް ފާހަގަކޮށްފައިވެއެވެ.

ބިލުގެ ދަށުން ފުލުހުންނަށް ލިބިދޭ ޚާއްޞަ ބާރުތަކުގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމާއި، ހައްޔަރުކުރުމާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރުކުރުމަށްފަހު އެ ތަނެއް ބަލައި ފާސްކުރުން ހިމެނެއެވެ. މީގެއިތުރުން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އެ އުޅަނދުފަހަރުގައިވާ މީހުންގެ ސާމްޕަލް ނެގުމުގެ ބާރުވެސް ފުލުހުންނަށް ލިބިގެންދާނެއެވެ.

ގޭންގަކަށް ނިސްބަތްވާ މީހުން ކަނޑައަޅާނީ ޝަރުޢީ ކޯޓަކުންކަން ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.