އުމްރާއަށް ދާން ފައިސާ ނަގައި އޮޅުވާލި އަސްކޮއި ހައްޖު ގްރޫޕް ޖޫރިމަނާކޮށް، ފައިސާ ދެއްކި މީހުންނަށް ރީފަންޑް ދިނުމަށް އަންގައިފި

އުމްރާއަށް ދާން ފައިސާ ނަގައި އޮޅުވާލި އަސްކޮއި ހައްޖު ގްރޫޕް ޖޫރިމަނާކޮށް، ފައިސާ ދެއްކި މީހުންނަށް ރީފަންޑް ދިނުމަށް އަންގައިފި

Author
ހުސައިން
15 މެއި 2025 05:56
0

އުމްރާއަށް ގެންދިޔުމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ނަގައި، ދަތުރު ކެންސަލްކޮށް ފައިސާ އަނބުރާ ނުދިން އަސްކޮއި ހައްޖު ގްރޫޕް 130,000 ރުފިޔާއިން ޖޫރިމަނާކުރުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ އަސްކޮއި ހައްޖު ގްރޫޕުން ޚިލާފުވެފައިވާތީ މި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އަދި މި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މައިންބަފައިންނާއި އާއިލާގެ އިތުރު މެންބަރުންނާއެކު އުމްރާއަށް ދާން ތައްޔާރުވި އާއިލާއެއްގެ މެންބަރުން ބުނެފައިވާ ގޮތުގައި، މިދިޔަ ރޯދަމަހުގެ ފަހު 15 ދުވަހާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭގޮތަށް އުމްރާ ދަތުރެއް ކުރުމަށް އަސްކޮއި ގްރޫޕަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުންގޮސް މިދިޔަ ޖެނުއަރީ 24 ވަނަ ދުވަހު އެއްކޮށް ފައިސާ ދައްކައި ނިންމާފައިވެއެވެ.

އުމްރާއަށް ތައްޔާރުވި ހަ މީހުން، މީހަކަށް 42,000 ރުފިޔާގެ ރޭޓުން ޖުމްލަ 252,000 ރުފިޔާ އަސްކޮއި ހައްޖު ގްރޫޕަށް ދައްކާފައިވާއިރު، ފުރަން 10 ދުވަސް ވެފައި އޮއްވައި، ދިމާވި މައްސަލައަކާ ގުޅިގެން ދަތުރު ކެންސަލްވެއްޖެކަމަށް އަސްކޮއި ގްރޫޕުން ދަތުރުވެރިންނަށް އަންގާފައިވެއެވެ. ދަތުރު ކެންސަލްވިއިރު، އެ އާއިލާގެ މެންބަރުން ތިބީ މާލެ އައުމުގެ އިންތިޒާމުތައްވެސް ހަމަޖައްސައި ނިމިފައެވެ.

މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ކުރިން ވިދާޅުވެފައިވަނީ މި ހާދިސާއާ ގުޅޭގޮތުން އަސްކޮއި ހައްޖު ގްރޫޕަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި އަދި އިތުރަށް ބުނެފައިވަނީ، އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ ނުވަ މީހުންގެ ރިފަންޑް އެ މީހުންނަށް އަނބުރާ ހަވާލުކުރުމަށްވެސް އަސްކޮއި ހައްޖު ގްރޫޕަށް އަންގާފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.