ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުމުގެ މުނާސަބަތުގައި، އެޗްޑީސީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން "މައި ހުޅުމާލެ" މަސްރޭސް މާދަމާ ރޭ ބޭއްވުމަށް ތައްޔާރީތައް ވަނީ ފުރިހަމަކޮށްފައެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަސްރޭހުގައި 60 އަށްވުރެ ގިނަ ޓީމުތަކުން ބައިވެރިވާނެއެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 64 ޓީމަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއްވިއެވެ.
މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކަމަށާއި، ރޭސް ފަށާނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ކަމަށްވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
މި ރޭހުގައި އެންމެ މޮޅު ޓީމަކަށް 21,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ އިތުރުން އެންމެ ބޮޑު މަސް ބާނާ ފަރާތަކަށް 5,000 ރުފިޔާ އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5,000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މަސްރޭހާ އެކުގައި، ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "ސްކޭޓް ސްކޭޕް" ނަމުގައި އިތުރު ހަރަކާތެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ނިންމާފައެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 15 ވަނަ ދުވަހުގެ 16:00 އިން 22:00 އަށް، ހުޅުމާލޭ ފެރީ ޓާމިނަލް ޕާކުގައި ކަމަށާއި، ބައިވެރިވާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އޮންލައިންކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 15 މެއި 2025 ގެ 14:00 އެވެ.
ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން މި ހަފްތާގެ ނިޔަލަށް އިތުރު ހަރަކާތްތަކެއްވެސް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، މެއި 16 ވަނަ ދުވަހުގެ ހެނދުނު ސައިކްލިންގ ޗެމްޕިއަންޝިޕެއް ބޭއްވުމަށާއި، ހަވީރު ހެލްތު ކޭމްޕެއް ބޭއްވުމަށާއި، މެއި 17 ވަނަ ދުވަހު ބީޗް ފެސްޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ