ރައްޔިތުންގެ މަޖިލީހުން މިއަދު ބަންޑާރަ ނައިބުގެ އޮފީސް ސިވިލް ސަރވިސްގެ ދާއިރާއިން ބޭރުކޮށް، ވަކި ޚިދުމަތެއްގެ ގޮތުގައި ހިންގުމަށް ހުށަހެޅުނު ބިލް ފާސްނުކޮށް އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި ބިލް ފާސްކުރުމާ މެދު މިއަދު ނެގުނު ވޯޓުގައި 67 މެންބަރުން ވޯޓުދެއްވީ ބިލް ފާސްނުކުރުމަށެވެ. އަދި އޭގެ ފަހުން، ބިލް އަލުން ކޮމިޓީއަށް ފޮނުވުމަށް ނެގުނު ވޯޓުގައި 70 މެންބަރުން ތާއީދުކުރެއްވިއެވެ. ބިލް ފާސްކުރުމަށް ވޯޓުދެއްވާފައިވަނީ ހަމައެކަނި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އެކަންޏެވެ.
މިހާރު ބަންޑާރަ ނައިބުގެ އޮފީހަކީ ސިވިލް ސަރވިސްގެ ދަށުން ހިންގާ ތަނެއްކަމުން، އެތަނުގެ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ އުސޫލުތައް ހިނގައެވެ. ނަމަވެސް، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އެހެނިހެން މިނިވަން މުއައްސަސާތަކަކީ ވަކި ޤާނޫނެއްގެ ދަށުން ހިންގާ ތަންތަނެވެ.
ބަންޑާރަ ނައިބުގެ އޮފީހަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވީނަމަވެސް، ސިވިލް ސަރވިސްގެ ދަށުން އެތަން ހިންގާތީ، ބައެއް ދަތިތައް ކުރިމަތިވެފައިވާކަމަށް ފާހަގަކުރެވެއެވެ. ޚާއްޞަކޮށް، ބަންޑާރަ ނައިބުގެ އޮފީހަށް ޤާބިލު ވަކީލުން ހޯދުމުގައި ދަތިތަކެއް ހުރިކަމަށް ބެލެވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އެހެނިހެން މިނިވަން މުއައްސަސާތަކުގެ މުސާރައާ އަޅާބަލާއިރު، ބަންޑާރަ ނައިބުގެ އޮފީހުގެ މުސާރަތައް ސިވިލް ސަރވިސްގެ އުސޫލުގެ ދަށުން ކަނޑައެޅުމުގެ ސަބަބުން ދަށްކަމަށް ފާހަގަކުރެވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ސަރުކާރުން މި އައު ބިލް ހުށަހެޅިކަމަށް ބުނެފައިވެއެވެ.
ހުށަހެޅިފައިވާ ބިލްގައިވާ ގޮތުން، ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ބަހާލެވިފައިވަނީ ލީގަލް ސަރވިސް އަދި އެޑްމިނިސްޓްރޭޓިވް ސަރވިސްގެ ދެބަޔަކަށެވެ. މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ފިނޭންސް މިނިސްޓަރ ކަމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ޞިއްޙީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުމުގެ އިޚްތިޔާރާއި، ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތްތައް ޤާނޫނުގެ ދަށުން ކަނޑައެޅުމުގެ ހަމަތައް ވެސް ބިލްގައި ހިމެނިފައިވެއެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލްގައި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ބަންޑާރަ ނައިބުގެ ޝަރުޠުތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ވަޒީފާ އަދާކުރަންޖެހޭ ހަމަތައްވެސް ބިލްގައި ހިމެނިފައިވެއެވެ.
ކޮމެންޓު ފޮނުވާ