ބުޅާތައް ބެލެހެއްޓުމަށް މަހަކު 7 ލައްކަ ރުފިޔާ ޚަރަދު ވާނެ: މާރިޔާ

ބުޅާތައް ބެލެހެއްޓުމަށް މަހަކު 7 ލައްކަ ރުފިޔާ ޚަރަދު ވާނެ: މާރިޔާ

Author
ހުސައިން
14 މެއި 2025 12:27
0

މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ޚާއްޞަކޮށްގެން ޤާއިމުކޮށްފައިވާ "އޮޅުހިޔާ" ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާގެ ޚަރަދެއް ހިނގާނެ ކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މާރިޔާ މިފަދައިން ވިދާޅުވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، މިހާރު ފެސިލިޓީގައި 30 ބުޅާ ބަލަހައްޓަމުން ގެންދިޔަ ނަމަވެސް، މި ފެސިލިޓީގެ ޖާގައިގެ ޤާބިލުކަން ހުރީ 2،000 ބުޅާ ބެލެހެއްޓޭ ވަރަށް ކަމަށް ފާހަގަކުރެއްވިއެވެ. މި އަދަދަށް ބުޅާ ބަލަހައްޓާ ނަމަ، ކޮންމެ ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ޚަރަދުވާނެ ކަމަށާއި 2،000 ބުޅަލަށް ޖުމުލަ 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

"ނޮން ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެ. ފެސިލިޓީއަށް 2،000 ބުޅަލަށް މަހަކު 7 ލައްކަ ރުފިޔާ ޚަރަދުވާނެ، ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ޚަރަދުވާނެ، އަދި އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ. ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ޚަރަދުވާނެ. އަދި ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ޚަރަދުވާނެ" ޑރ. މާރިޔާ ވިދާޅުވިއެވެ.

އޮޅުހިޔާ ފެސިލިޓީގެ ޚިދުމަތް ނުފެށި ލަސްވި ސަބަބާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިކަން ލަސްވީ މާލެ ސިޓީ ކައުންސިލުގެ އިހުމާލުން ކަމަށެވެ. މިނިސްޓްރީއާއި ކައުންސިލާ ދެމެދު ވެފައިވާ އެމްއޯޔޫއަށް ސިޓީ ކައުންސިލުން ޢަމަލުކޮށްފައިނުވާ ކަމަށާއި، ޚިދުމަތް ފެށުމަށް ބުނެފައިވާ ތާރީޚަށް ޚިދުމަތް ނުފެށުމުގެ އިތުރުން ފެސިލިޓީއަށް ބޭނުންވާ ސާމާނު ވެސް ހޯދާފައިނުވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިހާރު މިނިސްޓްރީން އޮޅުހިޔާއާ ހަވާލުވެ، ފެސިލިޓީގެ ހާލަތު ބަދަލުކޮށްފައިވާ ކަމަށާއި 30 ބުޅާ ބަލަހައްޓަމުން ގެންދިޔަ ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުކޮށް، ޒިންމާދާރުކަމާއެކު ބުޅާތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރާނެ ކަމަށް ވަޒީރު މާރިޔާ ވަނީ ވިދާޅުވެފައެވެ.

އޮޅުހިޔާ ފެސިލިޓީއަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ބުޅާ ބެލެހެއްޓުމުގެ މަރުކަޒެއް ކަމަށާއި، މި ފެސިލިޓީ ބޭނުންކުރަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގައި ކަމަށް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.