އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކި ކޮށްފި

އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކި ކޮށްފި

Author
ހުސައިން
14 މެއި 2025 12:20
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ނިންމީ ޖޭއެސްސީން ބެލި އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމާފައިވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލާގައި ބަހުސްކުރުމަށް ރިޔާސަތުން އެއްގަޑިއިރު ވަނީ ދީފައެވެ. މައްސަލައިގެ ބަހުސް ނިންމާ މިއަދު ކޮންމެ ފަނޑިޔާރަކަށް ވަކިވަކިން ނެގި ވޯޓުގައި 79 މެމްބަރުން ވޯޓު ދެއްވާފައިވާއިރު ފަނޑިޔާރުން ވަކި ކުރުމަށް 68 މެމްބަރުން ވޯޓު ވަނީ ދެއްފާއެވެ. އަދި ފަނޑިޔާރުން ވަކިކުރުމާމެދު ދެކޮޅަށް 11 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަޒްމިރާލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގައެވެ. އެގޮތުން ޖޭއެސްސީ އިން ފޮނުވި ރިޕޯޓް ރަނގަޅު ކަމަށް ކަނޑައަޅައި ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ ގޯސްކޮށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ކޮމިޓީއަށް ލަފާ ދެއްވާފައި ވަނިކޮށް، އެ ލަފައަށް ބެލުމެއް ނެތި އެވެ. ދެ ފަނޑިޔާރުން ވަކި ކުރަން ނިންމުމާއި ގުޅިގެން ބައިނަލްއަގްވާމީ ވަރަށް ގިނަ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފަ އެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް އިއްޔެ ވަނީ މި މައްސަލައާ ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.