ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުން މިއަދު!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުން މިއަދު!

Author
ހުސައިން
14 މެއި 2025 07:57
0

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ޖޭއެސްސީން މި ދެ ފަނޑިޔާރުންގެ މައްސަލަ ބަލާފައިވަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގައެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމީ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. އެހެންކަމުން، އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވައިފައިވެއެވެ. ތަޅުމުގައި މި މައްސަލައިގައި ބަހުސްކުރުމަށް ވަގުތު ދިނުމަށްފަހު އެކަމާ ގުޅޭގޮތުން ވޯޓަށް އަހާނެއެވެ.

ނަމަވެސް، ޖުޑީޝަރީ ކޮމިޓީން މިފަދަ ނިންމުމެއް ނިންމާފައިވަނީ، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވާފައިވާ ލަފައާ ޚިލާފަށެވެ. ކައުންސެލް ޖެނެރަލްގެ ލަފާގައި ވިދާޅުވެފައިވަނީ ޖޭއެސްސީން މި މައްސަލަ ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ޤާނޫނާ ޚިލާފަށް ކަމަށެވެ.

ފިލްޒާގެ ލަފާގައި ވިދާޅުވެފައިވަނީ، ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބެލި މައްސަލައަކީ އާންމު ފަރާތަކުން ސިޓީއަކުން ހުށަހެޅި ސުލޫކީ މައްސަލައެއްކަން އެނގޭ ކަމަށާއި، ޤާނޫނުގައިވާ ގޮތުން އެފަދަ މައްސަލައެއް ކޮމިޝަނުން ބަލާނެތޯ ކަނޑައަޅަން ފޮނުވަންޖެހޭނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ މައްސަލަ ބަލާ ކޮމިޓީއަށް ކަމަށެވެ. އެހެންނަމަވެސް މި ދެ ފަނޑިޔާރުންގެ މައްސަލަ އެ ކޮމިޓީއަށް ފޮނުވާފައިނުވާ ކަމަށެވެ. މީގެ ބަދަލުގައި މައްސަލަ ކޮމިޝަނަށް ހުށަހަޅާފައިވަނީ ކޮމިޝަންގެ ރައީސް އަދި މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާގެ ފަރާތުން ކަމަށް ފިލްޒާ ވިދާޅުވިއެވެ.

"ޤާނޫނުގައި ވަކި ކަމަކަށް ވަކި އިޖުރާއަތެއް ކަނޑައަޅާފައި ވަނިކޮށް، އެ އިޖުރާއަތަށް އަމަލު ނުކުރުމަކީ ކޮމިޝަނަށް ލިބިގެންވާ އިޚްތިޔާރެއް ނޫން" ކަމަށް ފިލްޒާ ވިދާޅުވިއެވެ.

ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.